މީގެ ތިން އަހަރު ކުރިން ކޮލޮމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަ ކުރުމަށް ބްރެޒިލްގެ ޝަޕޮކޮއެންސްގެ ފުޓުބޯޅަ ޓީމު ދަތުރުކުރި ޗާޓަރު ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަ މީހުންގެ ތެރޭގައި ހިމެނޭ ނޫސްވެރިޔާ ރަފޭލް ހެންޒެލް ފުޓުބޯޅަ ކުޅެން ހުއްޓާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އުމުރުން 45 އަހަރުގެ ރަފޭލެ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ އިރު އޭނަ މަރުވި ސަބަބެއް ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ ހާޓް އެޓޭކްއެއް ޖެހިގެން ކަމަށެވެ. ބްރެޒިލްގެ އެންމެ ދެކުނުގައިވާ ޝަޕެކޯގައި ފުޓުބޯޅަ މެޗެއް ކުޅެން ހުއްޓާ ރަފެލް ކުއްލިއަކަށް ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޝަޕޮކޮއެންސްގެ ޓީމާ އެކު ގިނަ ނޫސްވެރިންތަކެއް ވެސް ދަތުރު ކުރި ބޮލީވިއާގެ ޗާޓަރު ފްލައިޓް ވެއްޓުމުގެ ހާދިސާގައި 71 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 20 ނޫސްވެރިއަކު މަރުވެފައިވާ އިރު އެ ހާދިސާގައި މަރުން ސަލާމަތް ވެފައި ވަނީ 6 މީހުންނެވެ.

އެކަންތައް ދިރާސާކުރި ތަޖުރިބާކާރުން ބުނެފައިވަނީ ބޯޓު ވެއްޓެން ދިމާވި ސަބަބަކީ ބޯޓުން ތެޔޮ ހުސްވުން ކަމަށެވެ. އެ ހާދިސާއިން ސަލާމަތްވި ހަ މީހުންގެ ތެރޭގައި ހިމެނޭ ރަފޭލް ބުނި ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން ކެޕްޓަން އަދި ކްރޫއިން ވެސް އެއްވެސް އިންޒާރެއް ނުދެ އެވެ. އެ ހާދިސާގައި އޭނާގެ އަރިކަށިން ވަނީ ހަތް ގަނޑު ކަށި ބިނދިފަ އެވެ. އަލުން އެނބުރި ފުރިހަމަ ސިއްހީ ހާލަތަށް އަންނަން ގިނަ ދުވަސްތަކެއް ނެގި ކަމަށް އޭނާ ބުންޏެވެ.

އެ ހިތާމަވެރި ހާދިސާއަށް ފަހު ރަފޭލް މަސައްކަތް ކުރަމުން ދިޔައީ ލޯކަލް ރޭޑިއޯއެއްގައި ކޮމެންޓޭޓަރެއްގެ މަގާމުގަ އެވެ. މީގެ އިތުރުން ބޯޓު ވެއްޓުމުގެ ހާދިސާ މީހުންނާ ހިއްސާ ކުރުމަށް އޭނާ ދިޔައީ ލައިވް ބްލޮގެއް ވެސް ހިންގަމުންނެވެ.

ރަފޭލްގެ ކުއްލި މަރާ އެކު މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާއިންވެސް ހިތާމަ ކުރުމަންދާއިރު އޭނާގެ އާއިލާއަށާއި ގާތް ރަހުމަތްތެރިންނަށް ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކުން ދަނީ ތައުޒިއްޔާ ފޮނުވަމުންނެވެ.