ހަބީބު ބޭންކް ލިމިޓެޑްގެ ގޮތްޕެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް، އައްޑޫ ސިޓީ ކައުންސިލާއި އެ ބޭންކާ ދެމެދު މަޝްވަރާކޮށްފި އެވެ.

މިހާރުވެސް މާލޭގައި އޮޕަރޭޓް ކުރާ، ޕާކިސްތާނުގެ ހަބީބު ބޭންކާއެކު ކުރި މަޝްވަރާތަކާ ގުޅޭގޮތުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ ރާއްޖޭގައި ހުންނަވާ، ހަބީބު ބޭންކުން ކަންޓްރީ މެނޭޖަރާއި ސީނިއާ އިސް އޮފިޝަލުންގެ ޓީމަކާއި އެއްކޮށް މިދިޔަ ބުރާސްފަތި ދުވަހު މަޝްވަރާކުރީ އެ ބޭންކުގެ ހިދުމަތްތައް އަތޮޅުތަކަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި އެ ބޭންކުގެ ގޮތްޕެއް ގާއިމް ކުރާނަމަ ފުރަތަމަ ގާއިމްކުރާނީ އައްޑޫގައިކަމައް ވެސް ސޯބެ ވިދާޅުވި އެވެ.
"އައްޑޫގައި އިންވެސްޓްމަންޓުގެ ފުރުސަތުތައް ހުރި ވާހަކަ. ބޭންކުން ބެލި ބެލިމުންވެސް ބެންކަށް ވެސް ފެންނަ ވާހަކަތައް ދެކެވުނީ. އެ އޮތީ ކުރިއަށް ދިއުމުގެ ސިގްނަލެއް ލިބިފައި،" ސޯބެ ވިދާޅުވި އެވެ.

އައްޑޫގައި 17 ވަނަ ސާކް ސަމިޓު ބާއްވާތީ އާއި އާބާދީގެ ގޮތުން ބޮޑު ސިޓީއަކަށް އައްޑޫ ވުމުން އިންވެސްޓްމަންޓުގެ ފުރުސަތުތައް އެ ސިޓީއަށް އަންނަ މިންވަރު ވަނީ އެތައް ތަނަކުން ބޮޑުވެފަ އެވެ.

އައްޑޫގައި މިހާރުވެސް ގައުމީ ބޭބްކް، ބީއެމްއެލްގެ ގޮތްޕެއް ހުރެ އެވެ.