27 Mar 2019, 18:37
އޭ ލެވެލްގައި ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް ދޭ "ހައި އެޗީވާސް ސްކޮލަޝިޕް" ގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އޯއައިސީޑީ ގައުމުތަކުން ކިޔެވޭނެ ގޮތް ހަދަން ނިންމައިފިއެވެ.
ކުރީގެ ސަރުކާރުން ހަޔާ އެޗީވާސްގެ ދަށުން ކިޔެވޭ ގައުމުތަކުގެ އުސޫލަށް ބަދަލު ގެނައުމުން ބައެއް ކުދިންނަށް ވަނީ އެ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ގެއްލިފައެވެ.
މީގެ ކުރިންވެސް ހައި އެޗީވާސް ސްކޮލަޝިޕްގެ ދަރިވަރުންނަށް އޯއައިސީޑީ ގައުމުތަކުން ކިޔެވެއެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ގަވައިދަށް ބަދަލު ގެނެސް ސާކްގެ ގައުމުތަކުން ކިޔެވޭގޮތަށް އިސްކަންދޭ ގޮތަށް ބަދަލުގެނެސްފައެވެ. އަދި ސާކް ގައުމުތަކުން ނުކިޔެވޭ ދާއިރާއެއްގެ ކޯހެއްނަމަ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން (ނޮން އޯއީސީޑީ) ގައި ބައިވެރިވެފައިވާ ގައުމުތަކުން އޭރު ކިޔެވެއެވެ.
ހަޔާ އެޗީވާސް ދަރިވަރުންނަށް އޯއައިސީޑީ ގައުމުތަކުން ކިޔެވޭނެ ފުރުސަތު އާ ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު އަލުން ދީފައެވެ. ކުރިން އެ ފުރުސަތު ނުލިބުނު ބައެއް ދަރިވަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައި އެ ފުރުސަތު ހޯދައިދިނުމަށް އެދިފައެވެ.
"ކުރިން ދެބެޗެއްގެ ދަރިވަރުންތަކެއް ހިނގައްޖެ މިސްއައުޓްވީ ދަރިވަރުންތަކެއް. މިހާރު އަޅުގަނޑުމެން މިދަނީ އެ ދެ ބެޗުގެ ދަރިވަރުންނަށްވެސް ހަޔާ އެޗީވަރުންނަަށް ވެފައިވާ ރައީސްގެ ވައުދުތަކުގެ ތެރެއަށް އެ ދަރިވަރުންވެސް ގެނެސްގެން މީހުންނަށްވެސް އެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މަސައްކަތް ކުރުމަށް މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން،" މިއަދު މެންދުރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ހަޔާ އެޗީވާސް ހާސިލްކުރާ ދަރިވަރުންނަށް އޯއިސީޑީ ގައުމުތަކުން ކިޔެވޭނެ ފުރުސަތު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.