27 Mar 2019, 15:22
ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހިމެނޭ ގޮތަށް 36 ބައިނަލްއަގްވާމީ ފަރާތަކުން މަޖިލިސް އިންތިހާބު އޮބްސާވް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލިސް އިންތިހާބު އޮންނަނީ ފެށޭ މަހު ހަވަނަ ދުވަހު އެވެ. އިންތިހާބު އޮބްސާވް ކުރުމަށާއި މޮނިޓަ ކުރުމަށް ގިނަ ފަރާތްތަކަކަށް ފުރުސަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބު އޮބްސާވް ކުރުމަށް ބައިނަލްއަގްވާމީ 36 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އީޔޫ ކޮމަންވެލްތް އައިސީޕީއެސް ވެސް ހިމެނޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން މަޖިލިސް އިންތިހާބު މޮނިޓަ ކުރުމަށް ބައިނަލްއަގްވާމީ ހަތަރު މީޑިއާއެއް ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ ފަރާތުން އަދި އެހެންވެސް ގޮތްގޮތަށް ރާއްޖޭން ހަރަކާތްތެރިވަނީ ކިތަށް އޮބްސާވަރުން ކަމެއް އަދި ސާފެއް ނުވެ އެވެ.
މަޖިލިސް އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އިލެކްޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވޯޓު ކަރުދާސް ޕްރިންޓްކުރަން ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.
އިންތިހާބުގައި ވާދަ ކުރަން 408 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ.