ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓަ ފޯ އެޑިއުކޭޝަން އެންޑް ޓެކްނޮޖީ އެންޑް އެކްސަލެންސްގެ އިސްވެރިއަކަށް ޝިމްނާ ޝަކީބް ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިމްނާއަށް އެ މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ސެންޓަ ފޯ އެޑިއުކޭޝަން އެންޑް ޓެކްނޮޖީ އެންޑް އެކްސަލެންސް (ސީޓް) ކުރިން ހިންގަމުން ދިޔައީ ސެންޓާ ފޯ އޯޕަން ލާނިންގެ ނަމުގައެވެ. ނަމަވެސް މިއަހަރު ޖެނުއަރީއިން ފެށިގެން ސީޓްގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ޝިމްނާ އެމްއެންޔޫގައި ހިދުމަތް ކުރައްވަން ފެއްޓެވީ 2014 ވަނަ އަހަރުއެވެ.

ސީޓްގެ އިސްވެރިއަކަށް ޝިމްނާ ހަަމަޖައްސައި ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއެންޔޫ

ޝިމްނާ މިހާރު ދަނީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިންސްއިން ޕީއެޗްޑީވެސް ހާސިލްކުރަމުންނެވެ. އަދި ޝިމްނާ ވަނީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ހަޔާ އެޑިއުކޭޝައިން މާސްޓާސް އަދި ބެޗެލާ އޮފް އާޓްސް އިންގްލިޝް ލިޓްރެޗާ ޕޮލިޓިކްސް އެންޑް ސޯޝަލަޖީ ހާސިލްކުރައްވައިފައެވެ.

ޝިމާނާ ވިދާޅުވީ އެ މަގާމާ ހަވާލުވުމަށްފަހު އެ ސެންޓަރުގެ މަސައްކަތްތައް ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

" އަޅުގަނޑުމެން 12 މެންޑޭޓެއްގެ ދަށުން މި މަސައްކަތް ކުރަނީ. އެގޮތުން އެއްކަމަކީ އޮންލައިން ނުވަތަ ބްލެންޑެޑް ލާނިން ކޯސްފަރުމާކުރުން. ކޯސް ފަރުމާ ކުރަނީ އިންޓަނޭޝަނަލް ސްޓޭންޑަޑްތަކެއްގެ މައްޗަށް. ދެވަނަ ކަމަކީ ކޯސްތައް އޮންލައިންކޮށް ފޭސް ޓު ފޭސްކޮށް ޑެލިވާ ކުރާއިރު ކޯސްތަކުގެ ފެންވަރުބަލާ ކޯސްތައް ހިނގާނެ ގޮތުގެ ފެންވަރު ބެލުމާ މޮނީޓާ ކުރުމާ އިވޭލުއޭޓް ކުރުން. ތިން ވަނަ ކަމަކީ އީ ލާނިންގެ ދާއިރާއިން ދިރާސާތައް ހެދުން" އޭނާ ވިދާޅުވިއެވެ.