ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ތެރޭގައި ބަޣާވާތް ކުރައްވަން އުޅުއްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔައީ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ފާސް ކުރުމާ މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން ފާސްކޮށްފައިވާ މައްސަލައިގެ ބަހުސް އެވެ. އެމްޑީޕީ މެމްބަރުން ހިތްހަމަ ނުޖެހުން ފާޅު ކުރީ އެމައްސަލަައިގެ ތެރެއިން ގަރާރެއް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ގާސިމް މަސައްކަތް ކުރެއްވުމުންނެވެ.

މެމްބަރުން ވިދާޅުވީ އެއީ މަޖިލީޙުގެ ގަވައިދާ މުޅިން ހިލާފަށް ހިނގާ ކަމެއް ކަމަށެވެ. ގަރާރެއް ކުރިއަށް ގެންދެވޭނީ މަޖިލީހަށް ބިލެއް ހުށަހަޅާ އުސޫލުން ކުރިއާލާ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނިންމާ ކޮންމެ ކަމަކީ ސުޕްރީމް ކޯޓުން ހުއްދަ ހޯދައިގެން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށެވެ. މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ކަމަށާއި ނިޒާމު ފުޑު ފުޑު ކޮށްލަން ގާސިމް މަސައްކަތް ކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

"ވެރިކަން ކުރުމާއި މަޖިލިސް ހިންގުމާއި މި ހުރިހާކަމެއް ދެން އަޅުގަނޑުމެން މަނިކުފާނުގެ [ގާސިމްގެ] ރަހުމަތްތެރިން ކަމަށްވާ ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑުމެން އެއްކޮށް ހަވާލުކޮށްފައި އަޅުގަނޑުމެން އެންމެން ގެއަށް ދާންވީ ނޫންތޯ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ފަސް ފަނޑިޔާރުންގެ ލަފައަކަށް ގައުމު އެއްކޮށް ހިންގަން ހަވާލުކުރަންވީނުންތޯ." އީވާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

އީވާ ވިދާޅުވީ ގާސިމް "އޮޅާލަނީ" މަޖިލީޙުގެ ގަވައިދު އެކަނި ނޫން ކަމަށެވެ. އަދި ހަމަ އެކަނި ގާނޫނު އަސާސީއަށް ވެސް ނޫން ކަމަށެވެ. ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް ނިޒާމަށް "ހަރާންކޯރުވެ ވަޑައިގަންނަވަނީ" ކަމަށް އީވާ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ވެރިކަމެއް ބަދަލު ކުރީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިން ސަލާމަތްވާން ނޫން ކަމަށާއި ވެރިކަން ބަދަލުކުރީ ގާނޫނީ ވެރިކަމެއް ބޭނުންވެގެން ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން މިއޮއް ބަޣާވާތެއް ކުރަނީއޭ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގެ ބާރުތައް މިއޮއް އޮޅާލަނީއޭ." އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަޖިލީހުން ކުރަން ޖެހޭ ކަންކަން ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ލަފައަކަށް އަހަން ނުޖެހޭނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

"ސިޔާސީ ގޮތުން އަދި އެހެން ގޮތަކުން ވިޔަސް އަޅުގަނޑުމެން ރުހުން ދީގެން މަގާމަށް ގެނެއްސަ ހުރި މީހަކު ވަކި ކުރަން ވެއްޖެއްޔާ މި މަޖިލީހުން ކުރެވޭނެ." ޣަފޫރު ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ އިޝަތިހާރީ ލަފައާ އެކު ވަޒީރުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދޭގޮތަށް ހަދަން އުޅެނީ ސަރުކާރުގެ ވަޒީރުންނަށް ބިރު ދައްކަން ކަމަށެވެ.

އާ ގަވައިދު ކޮމެޓީއިން ފާސްކޮށްފައިވަނީ މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމީހެއްގެ މަގާމު ވަގުތުން ގެއްލޭ ގޮތަށެވެ. މިއަދު އެމައްސަލާގައި ވޯޓަށް އެހުމުން 33 މެމްބަރުންގެ ވޯޓާ އެކު މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

މިއީ ސުޕްރީމް ކޯޓުން މީގެ ކުރިން އިމްޕީޗްމެންޓާ ބެހޭގޮތުން ކުރި ހުކުމާ ތައާރަޒްވާ ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ މައި ޕާޓީ، އެމްޑީޕީން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމުގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.