މ. ނަލަހިޔާމަންޒިލު ގޭގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، މަރުވި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުވާ ކުރާ ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގު މިއަދު ކޯޓަށް ހާޒިރުނުވުމުން އެ މައްސަލައިގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

ރައުޝަން މަރުވި މައްސަލައިގައި ދައުވާ ކުރަނީ ހަ މީހަކަށެވެ. އެއީ ރައުޝަން މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ.

މިއަދުގެ އަޑުއެހުމުގެ ކުރިން ރައުޝަންގެ މަރުގެ މައްސަލައިގައި އިބްތިދާއީ ދެ އަޑުއެހުމެއް ބޭއްވި އެވެ. އެހެން ނަމަވެސް، އިބްތިދާއީ މަރުހަލާ އަލުން ފަށަން ފަހުން ވަނީ ނިންމައިފަ އެވެ. އެހެން ކަމުން، މިއަދު ބޭއްވީ އިބްތިދާއީ މަރުހަލާ އަލަށް ފެށިފަހުން ފުރަތަަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމަށް އާދަމް ޝަފީގު ފިޔަވައި އެހެން އެންމެން ހާޒިރުވި އެވެ.

ދައުވާ ލިބޭ ހަ މީހުންގެ ވެސް ވަކީލު ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ޝަފީގު މީގެ ދެތިން ދުވަސް ކުރިން ރާއްޖެ ތެރެއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. އޭނާ އެދިވަޑައިގެންނެވީ، ޝަފީގު ހާޒިރުވެފައި ނެތުމުން، އެ މައްސަލައިގައި ޝަފީގާ ގުޅޭ ބައި ނުލައި މިއަދު މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެހެން ނަމަވެސް، ދައުލަތުން އެދުނީ ހަ މީހުންގެ މައްސަލަވެސް އެކުއެކީގައި ކުރިއަށް ގެންދިއުމަށެވެ. ވަކި ވަކިން މައްސަލަ ކުރިއަށް ގެންދާ ނަމަ މައްސަލަ ދިގުލައިގެން ހިނގައިދާނެ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައިގައި ޝަފީގާއި ދައުވާ ލިބޭ އެހެން ފަރާތްތަކާ ގުޅުން ހުރި ކަންތައްތައް ހިމެނޭކަމާއި އޭނާ ހާޒިރުވެ ހުރުން މުހިންމު ކަމަށް ފާހަގަ ކުރެއްވި އެެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ނިންމެވީ ޝަފީގު ހާޒިރުކޮށްގެން ހަ މީހުން އެކުގައި މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. އަދި މިއަދުގެ އަޑުއެހުން އޮންނަކަން އެނގި ހުރެ ޝަފީގު ފުރި ނަމަވެސް، އޭނާއަށް އަދި ފިޔަވަޅު ނާޅުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލެއްވީ، ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއް ނުނިންމަ އެވެ.

ރައުޝަންގެ މަރުގެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށް ހަ މީހުންވެސް އައީ ވަކީލަކާ ނުލަ އެވެ. އެ އަޑުއެހުމުގައި ދައުވާ ކުރާ ބިދޭސީންގެ ތެރެއިން ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، އަދި ކެޝަހިލަލް ޗައުހާން ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. ދެން ދައުވާ ކުރާ ތިން މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދެވަނަ އަޑުއެހުމަށް އެ ހަ މީހުން ހާޒިރުވީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވަކީލެއްގެ ގޮތުގައި ހަމަހައްސައިގެންނެވެ. އޭނާ ވަނީ އިބްތިދާއީ އަޑުއެހުން ފަށާތާ 10 ދުވަސް ތެރޭގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވެ، އެ މީހުންނަށް ފުރުސަތު ދެއްވީ އެގޮތަށް ނޫންކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރީގެ އަޑުއެހުމުގައި ތިން ބިދޭސީން ދައުވާއަށް އިއުތިރާފުވީ ތަރުޖަމާނުން ކިޔައިދިން ގޮތުން ކަމަށް ވިދާޅުވެ އޭނާ ވަނީ އިބްތިދާއީ މަރުހަލާ އަލުން ފެށުމަށް އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ގާޒީ ނިންމެވީ އިބްތިދާއީ މަރުހަލާ އަލުން ފެށުމަށެވެ.

ކުރާ ދައުވާތައް

ދައުވާ ކުރާ ހަަ މީހުންގެ ތެރެއިން ރައްޖާވް އަލީގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އޭނާއަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. ސަވާޖީ އޮޕަރޭޓު ކުރުމަކީ އޭނާ ކުރަން ޖެހޭވެސް ކަމެއް ނޫން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

މުތަމަނި ރަމަޗަންދުރަންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާއަކީ ބަސްތާ ނަލަހިޔާމަންޒުލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ.

ކެޝަހިލަލް ޗައުހާން އާއި ގުލާމް މަހަމަދުގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. އެ ދެމީހުންގެ މައްޗަށް އެ ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިޔުމަށް ރައުޝަންއަށާއި އޭނާގެ މަންމައަށް އިންޒާރުދީފައި ނުވުމުންނެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގާއި އެ ކުންފުނީގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަންގެ މައްޗަށް ކުރަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކުރީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ތުހުމަތުގައެވެ.