27 Mar 2019, 13:04
ނޮވެމްބަރު މަހު 17 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަސް ތެރޭ 60،000 ސެލްފީ ނަގައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު މަހު 17 ވަނަ ދުވަހުއެވެ. ރައީސް ސޯލިހް އަކީ ވަރަށް ސެލްފީއާއި ފޮޓޯ ނެގުމަށް ލޯބި ކުރާ ރައީސެއްގެ ގޮތުގައި ވަނި ފާހަގަ ކުރެވިފައެވެ.
މިއަދު ހެނދުނު ރާއްޖެ ޓީވީ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވެރިކަމަށް އައިފަހުން މާގިނަ ތަންތަނަކަށް ނުދެވޭ ކަމަށާއި ނަމަވެސް ވެރިކަމާ ހަވާލުވެވުމަށްފަހު، 60،000 އެއްހާ ސެލްފީ ނެގިފައިވާ ކަމަށެވެ.
" ސެލްފީ [މިހާރުވެސް] އެބަ ނެގޭ. އާންމުނާ ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި އެދޭ [ސެލްފީ ނެގަން]. ވެރިކަމަށް އައުމަށްފަހު، ގާތްގަނޑަކަށް 60،000 އަށްވުރެ ގިނަ ސެލްފީ ނެގިއްޖެ." ވެރިކަމާ ހަވާލުވުމަށްފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވުމަށްފަހު ނެގުނު ސެލްފީގެ އަދަދު ރައީސް ހާމަ ކުރެއްވި އިރު، ރިޔާސީ ކެމްޕެއިން ތެރޭ 200،000 އެއްހާ ސެލްފީ ނެގިފައިވާ ރައީސް ސޯލިހް މީގެ ކުރިން ވަނި ވިދާޅުވެފައެވެ.