27 Mar 2019, 11:39
އަލްޖަޒާއިރު (މާޗް 27): އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާއަށް މަގާމުގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް ކަނޑައަޅައި، މަގާމުން ދުރުކުރަން އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އަހުމަދު ގައިދު ސަލާހް ވިދާޅުވެއްޖެ އެވެ.
ސަލާހް އެފަދައިން ވިދާޅުވީ ބޫތަފްލީގާ ވެރިކަމުގެ ފަސްވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ފަހުން އެގައުމުގައި ސިލްސިލާ މުޒާހަރާތައް ފެށިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
"ގާނޫނީ އޮނިގަނޑުން ބޭރު ނުވެ، މިމައްސަލައިން އަރައިގަންނާނެ ގޮތެއް އެބަ ހޯދަން ޖެހޭ. އަދި އެކަން ކުރެވެން އޮތީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން،" ސަލާހް ވިދާޅުވި އެވެ.
ސަތޭކަ ދެވަނަ މާއްދާގެ ދަށުން، ރައީސްގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް އެގައުމުގެ ދުސްތޫރީ މަޖިލީހަށް ކަނޑައަޅޭނެ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ އަގުލައްބިއްޔަތުން އެނިންމުމަށް ތާއިދުކޮށްފި ނަމަ، ޕާލިމެންޓުގެ މަތީގޭގެ ޗެއާމަން ވަގުތީ ރައީސްކަމަށް އިސް ކުރެވޭނެ އެވެ.
އަލްޖީރިއާގެ ނޫހެއްގައިވާ ގޮތުން ސަލާހް އެފަދައިން ގޮވާލެއްވުމުން އެގައުމުގެ ދުސްތޫރީ މަޖިލީހުން ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އެބައްދަލުވުމުގައި ނިންމާފައިވާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
ބޫތަފްލީގާ ގެންދަވަނީ 1999 ވަނަ އަހަރުން ފެށިގެން އަލްޖީރިއާގެ ރައީސްކަން ކުރައްވަމުންނެވެ. އޭނާގެ ރިޔާސީ ތިންވަނަ ދައުރުގެ ތެރޭގައި ސްޓްރޯކެއް ޖެހިވަޑައިގެން ބޫތަފްލީގާ އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ފުރޮޅުލީގޮނޑިއެއްގަ އެވެ.
މިދިޔަ މަހު ބޫތަފްލީގާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަން ފެށުމުން އޭނާ ވަނީ އިތުރު ދައުރަކަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ނެރުއްވި ބަޔާނެއްގައިވާ ގޮތުން އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ނިންމެވީ ސިއްހީ ހާލުކޮޅު ތަންނުދިނުމާއި އުމުރުފުޅު މާމައްޗަށް ދިޔުމުގެ ސަބަބުންނެވެ. ނަމަވެސް އެއާއެކު ބޫތަފްލީގާ ވަނީ އެގައުމުގައި އަންނަ މަހުގެ 18އިގައި ބާއްވަން އޮތް ރިޔާސީ އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ލަސް ކުރައްވާފަ އެވެ.