ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު "ސަން" އަށް ވިދާޅުވީ ޝަރުތުތަކަކާ އެކު، އަދީބު ރޭ 11:30ގައި ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ދާދި ފަހުން އައިޖީއެމްއެޗަށް އަދީބު ގެންދިޔަ ގޮތަށް އިއްޔެއާ ހަމައަށް އޮންނެވީ އެ ހޮސްޕިޓަލްގަ އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކޮށްފަ އެވެ. އޭގެ ފަހުން އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އަދީބު ގޭބަންދަށް ބަދަލުކުރީ ނޮވެމްބަރު 27ގަ އެވެ. ގެއަށް ބަދަލުކުރިފަހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވާ ޕާޓީގެ ކަންކަމުގައި އުޅުއްވި އެވެ.

އަދީބު ގޭބަންދުގައި ހުންނަވަނިކޮށް މި މަހުގެ ކުރީކޮޅު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިލްތިމާސްއާ ހިލާފަށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އޮޕަރޭޝަނަށް ފަހު އަދީބް ޖަލަށް ގެންގޮސް ފަރުވާއަށް އެކި ފަހަރު މަތިން ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އޭސީސީ ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން 91 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.