27 Mar 2019, 11:07
ހޯރަ އިއްބެ މިނިވަން ކުރުމުން އެކަމާ ހިތާމަކުރައްވާ ކަމުގެ އިޝާރާތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވަވައިފި އެވެ.
އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންވަންކޮށް ޖަލުން ދޫކޮށްލީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ މަހެއް ވެސް ނުވަނީހެވެ.
ރާއްޖެ ޓީވީ އިން ހެނދުނު ގެނެސްދޭ ފަށާއިރު ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަވަސް އަރުވާލައިގެން ކަންކަން ނިންމުމުގެ ބަދަލުގައި ކަންކަން ނިންމަނީ އެކަމާ މެދު ވިސްނައި އެކަމުގައި ހުރި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބައްލަވައި ހައްދަވާފައިވާ ކަމަށެވެ.
އަދި ވެރިކަމުގެ ކުރީކޮޅު ޖަލުގައި ހުރި މީހަކު ގާނޫނުގެ ތެރެއިން މިނިވަން ކުރި ނަމަވެސް އެ ނިންމެވި ނިންމެމުމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކާކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
"އެ ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ އަޅުގަނޑު ހިތަށް އަރާ މިއަދު. މާ އަވަހަށް އެކަން ނުކުރެވުނު ނަމައޭ ހިތަށް އަރާ. އެކަމާ އަޅުގަނޑު މިއަދު ވެސް ހިތާމަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"ނިންމުމެއް ނިންމުމަށް ފަހު، ފަހުން އެކަން ބަދަލުކުރަން ޖެހުނީމާ ލިބޭ ގެއްލުން މާ ބޮޑުވާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ހޯރަ އިއްބެ މިނިވަންކުރުމުން އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާއި އަދި ހުދު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ނިންމުމަށް ފާޑުކިޔައިފަ އެވެ.
ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވަ އެވެ.