27 Mar 2019, 10:49
މޮސްކޯ (މާޗް 27) : ވެނެޒުއެލާގެ ސަރުކާރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިންކަން ރަޝިޔާ އިން ކަށަވަރުކޮށްދީފި އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫވާ ވިދާޅުވީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ އެދިވަޑައިގަތުމަކަށް ރަޝިޔާ އިން އެގައުމަށް ޢަސްކަރީ ތަޖްރިބާކާރުންނާއި ހަތިޔާރު ފޯނުވާފައިވާ ކަމުގަ އެވެ. އަސްކަރީ އެހީ ފޯރުކޮށްދިނީ ވެނެޒުއެލާއާއި ރަޝިޔާއާ ދެމެދު 2001 ވަނަ އަހަރު ސޮއިކުރި އެއްގައުމު އަނެއްގައުމަށް އަސްކަރީ އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމުގެ ދަށުންކަމަށް ވެސް ޒަޚަރޫވާ ވިދާޅުވި އެވެ.
ރަޝިޔާ އިން ވެނެޒުއެލާއަށް އަސްކަރީ އެހީ ފޯރުކޮށްދީފައި މިވަނީ އެމެރިކާގެ މަދަދު ލިބޭ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ މަދަނީ ބަޣާވާތެއް ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އިއްލާންކޮށްފައިވާ ދުވަސްވަރެއްގަ އެވެ. މި ބަޣާވާތާއެކު އެމެރިކާ ވެސް ގެންދަނީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް ޓަކައި އެގައުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށް ބިރު ދެއްކުމުގެ އިންޒާރުތަކެއް ދެމުންނެވެ.
ވެނެޒުއެލާގެ ސަރުކާރުން ވަނީ މަދަނީ އިންގިލާބެއް ގެނަސްގެން ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލުމުގެ ރޭވުން ރޭވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ރަޝިޔާ އިން ރައީސް މަދޫރޯގެ ސަރުކާރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިން މައްސަލާގައި އެމެރިކާ ވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މިގޮތުން ރަޝިޔާ މަސައްކަތް ކުރަނީ މަދޫރޯގެ "ޚުދު މުޚްތާރު" ވެރިކަން ދެމެހެއްޓުމަށް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާ އިން ވެނެޒުއެލާއަށް ފޮނުވި އަސްކަރީ އެހީގެ ތެރޭގައި އަސްކަރީ މުސްތަޝާރުންގެ ސަތޭކަ މީހުންނާއި 35 ޓަނުގެ ހަތިޔާރު ހިމެނެ އެވެ. މަދޫރޯގެ ވެރިކަން ޣައިރު ގާނޫނީ ގޮތުން ފޮރޮޅާލުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ފެއްޓެވި ބަޣާވާތުގެ ހަރަކާތްތައް ދެމަހަށް ވުރެ ދިގުލައިގެންގޮސްފައިވާ އިރު އެކަން އަދި ވެސް ކާމިޔާބު ވެފައެއް ނުވެ އެވެ.
ގުއައިޑޯގެ ބަޣާވާތް ނާކާމިޔާބުވީ ވެނެޒުއެލާގެ ގިނަ ރައްޔިތުން ރައީސް މަޑޫރޯގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމާއި އަދި ވެނެޒުއެލާގެ ސިފައިން ރައީސް މަދޫރޯ އަށް ވަފާތެރިވުމުގެ ސަބަބުންނެވެ. ވެނެޒުއެލާގެ ސިފައިންގެ ލަޝްކަރުތައް ބައިބައިކޮށްލުމަށް ގުއައިޑޯ ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް އެ މަސައްކަތްތައްވަނީ ނާކާމިޔާބު ވެފައެވެ. (އޭއެފްޕީ)