ކުޅިވަރަކަށް ހަދައިގެން އިރުއިރުކޮޅާ ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބުދުލް ބާރީއަށް ރުހުން ނުދޭން ޑީއާރްޕީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރުކަމުން ދެ ވަނަފަހަރަށް އިސްތިޢުފާ ދެއްވުމަށްފަހު ތިން ވަނަ ފަހަރަށް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއަށް ރުހުން ނުދިނުމަށް ޑީއާރްޕީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމީ މަހުގެ 13 ވަނަދުވަހު، ބޭއްވި ބައްދަލުވުމުގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޑރ. މަޖީދަށް ރުހުންދޭން ނުފެންނަކަމަށް ޑީއާރުޕީން ނިންމި ސަބަބުތަކު ތެރޭގައި 17 ސެޕްޓެމްބަރުގައި ސަރުކާރުން ގެޒެޓްކުރި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމުގެ ޤަވާޢިދާ ދޭތެރޭ ރާއްޖޭގެ ދީނީ އިލްމުވެރިންގެ އެތައް ބައެއް ކަންބޮޑުވުން ފާޅުކޮށްފާވާއިރު ވެސް އެކަމަށް އިސްލާމިކު މިނސްޓްރީން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވުމާއި، ޤާނޫނު އަސާސީގެ ދަށުން މަޤާމުގެ ޒިންމާގެ ހުވާ ކުރަންޖެހޭ ޒިންމާދާރު މަޤާމަކުން ކުޅިކުޅިވަރަށް އިސްތިޢުފާދެއްވުން ހިމެނޭ ކަމަށް ޑީއާރްޕީން ބުންޏެވެ.

ޑީއާރްޕީން މިގޮތައް ނިންމުމާގުޅިގެން ޑރ. މަޖީދަށް ރުހުންނުދިނުމަށް އިދިކޮޅު އެހެން މެންބަރުންގެ އެއްބާރުލުން ހޯދުމުގެ މަޝްވަރާތަށް ޑީއާރުޕީން ކުރިއަށްގެންދާނެއެވެ. އަދި މިކަމަށް މަޖިލީހު މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ޕާޓީން ދެކެ އެވެ.