ނިއު ޔޯކް (މާޗް 27): އެމެރިކާގެ ނިއު ޔޯކްގެ ރޮކްލެންޑް ކައުންޓީގައި ހިމަބިހި ޖެހޭ މީހުން ގިނަވެ، ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ތިރީސް ދުވަހަށް ދެމިގެންދާނެ ކުއްލި ހާލަތުގެ ދަށުން ރޮކްލެންޑު ކައުންޓީގައި ވަނީ ވެކްސިން ނުޖަހާ ކުދިން އާއްމުން އެއްވެ އުޅޭ ތަންތަނަށް ގެންދިޔުން މަނާކޮށްފަ އެވެ. އަދި އެއަމުރާ ހިލާފުވާ މީހުން 500 ޑޮލަރުން ޖޫރިމަނާކޮށް، ގިނަވެގެން ހަ މަހަށް ޖަލަށް ލާނެ ކަމަށް ބުނެފަ އެވެ.

ރޮކްލެންޑު ކައުންޓީގެ އެގްޒެކެޓިވް، އެޑް ޑޭ ވިދާޅުވި ގޮތުގައި އެކައުންޓީން މިހާތަނަށް 153 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. އަދި އެމެރިކާގެ ވޮޝިންޓަން، ކެލިފޯނިއާ، ޓެކްސަސް އަދި އިލިނޯއިގައި ވެސް ވަނީ އެބަލި ފެތުރިފަ އެވެ.

ހިމިބިހިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ދީނީ ސަބަބުތަކާ ހެދި އާއި ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ބުނާ ސައްހަ ނޫން މައުލޫމާތު ގަބޫލު ކުރުމުގެ ސަބަބުން އެމެރިކާގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށް ޖަހާ ވެކްސިން އިން އޯޓިޒަމް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބުނާ ދިރާސާއެއް ފުރަތަމަ ޕަބްލިޝް ކުރީ އިނގިރޭސި ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑް އިސްކޮށް ހުރި 12 މީހުންގެ ޓީމަކުންނެވެ. ލާންސެޓް ޖާނަލްގައި 1998 ވަނަ އަހަރު ޕަބްލިޝް ކުރި އެ ދިރާސާގެ ސަބަބުން ހިމަބިހި ވެކްސިން ޖަހާ މީހުންގެ އަދަދު އިންތިހާއަށް މަދުވި އެވެ.

ނަމަވެސް ސައިންސުވެރިން ފަހުން ހެދި އެފަދަ ގިނަ އަދަދެއްގެ ދިރާސާތަކުން ވެކްސިން އާއި އޯޓިޒަމްއާ ގުޅުން ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެ އެވެ. އަދި ވޭކްފީލްޑްގެ ދިރާސާ ތަހުގީގު ކުރި ނޫސްވެރިއަކު ވަނީ އެދިރާސާ ހެދުމުގައި އޭނާގެ މަސްލަހަތަށް ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން އެދިރާސާގައި ވޭކްފީލްޑްގެ ނިންމުމަށް ތާއިދު ކޮށް ވާހަކަދެއްކި 10 މީހަކު އެމީހުންގެ ބަސް އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން ވޭކްފީލްޑްގެ މެޑިކަލް ލައިސެންސް ވަނީ އަތުލާފަ އެވެ.

ދެހާސްސަތާރަ ވަނަ އަހަރާ އަޅާ ބަލާ އިރު މިދިޔަ އަހަރު ޔޫރަޕުގައި ހިމަބިހި ފެތުރުނު މިންވަރު ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ. އަދި ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވަނީ ވެކްސިނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ މުޅި ދުނިޔޭގައި ވެސް އިންސާނުންގެ ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ބުނެފަ އެވެ.

ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން، ހަލުވި ކަމާއެކު ފެތުރޭ ބައްޔަކެވެ. އޭގެ ސަބަބުން ސިކުނޑިއަށް އިންފެކްޝަން ފެތުރި، ލޯ އަނދިރިވެ، ފުއްޕާމޭގެ އިންފެކްޝަނަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވާ ހިސާބަށްވެސްދެ އެވެ.