27 Mar 2019, 09:59
ކާރްތިކް އާރްޔަން އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ އިމްތިޔާޒް އަލީގެ ފިލްމަށް ނަމެއް ދީފި އެވެ.
ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް ދާއިރު، އެއީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު 'ލަވް އާޖް ކަލް'ގެ ސީކުއަލް އެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މިހާރު މިވަނީ ފިލްމުގެ ނަން ފައިނަލް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުް ފިލްމަށް ދީފައިވާ ނަމަކީ 'އާޖް ކަލް' އެވެ. ނަމުގެ ސަބަބުން އެ ފިލްމަކީ ދީޕިކާ ޕަދުކޯން އަދި ސައިފް އަލީ ޚާންގެ 'ލަވް އާޖް ކަލް'ގެ ދެވަނަ ބަޔަށް ވުން އެކަށީގެންވެ އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައި ވާއިރު މިއީ ދެ ފަންނާނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ކާރްތިކް އަދި ސާރާ އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. ޚުދު ސާރާ ވެސް ވަނީ އެކި ފަހަރު މަތިން އޭނާ ކާރްތިކް އާ ވަރަށް ބޮޑަށް ގަޔާވާކަން ހާމަކޮށްފައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ސާރާ އަދި ކާރްތިކްގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ކެތްމަދުވެފައެވެ.
ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހުއެވެ.