ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ބަތަލާ އަކަށް "ސްޓޫޑެންޓް އޮފް ދި އިޔާ 2" ގެ ބަތަލާ ތާރާ ސުތާރިއާ ހަމަޖައްސައިފިއެވެ.

އަންނަ ޖޫން މަހު ފިލްމުގެ ޝޫޓިން ފެށުމަށް ނިންމާފައިވާއިރު އެ ފިލްމުގެ ނަމަކީ "ތަޅަޕް" ކަމަށް ބައެއް ބޭރުގެ ހަބަރުތަކުން ބުނެއެވެ.

އެ ފިލްމަކީ "އާރްއެކްސް 100" ގެ ރިމޭކެކެވެ. ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މިފިލްމުގެ ބަތަލު އަހާން މިހާރު އަންނަނީ ފިލްމުގައި ހިމެނޭ ވަރުގަދަ އެކްޝަން މަންޒަރުތަކަށް ފަރިތަކުރަމުންނެވެ.

ސާޖިދް ނަދިއަދްވާލާ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަހާން އާއި ތާރާގެ ޖޯޑު ވަރަށް ފުރިހަމަ ވާނެ ކަމަށާއި އެދެތަރިންގެ ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެކަމަށެވެ.

އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ ދަނީ ފިލްމު 2015 ވަނަ އަހަރުން ފެށިގެން ފިލްމުތަކުން ފެންނަމުންނެވެ. އާތިޔާ ބޮލީވުޑަށް ތައާރަފްވީ ފިލްމު "ހީރޯ"އިންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އަހާން ޝެޓީ ވެގެން ދާނީ ފިލްމު އިންޑަސްޓްރީގެ އޭ ލިސްޓުގައި ހިމެނޭނެ ބަތަލަކަށެވެ.