ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅަން އަލުން ވޯޓު ނަގަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި ވަގުތު ވެރިކަން ކުރަމުންދަނީ ރިޔާސީ ނިޒާމަކުންނެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ.

ޕީއެސްއެމްއިން މިރޭ ގެނެސްދިން މައްޗަން ގޮޅީ މެދު ދާއިރާގެ ބަހުސްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އޮންނަން ފެންނަން ބޭނުންވަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލުއުފައްދައެވެ.

އޭރު ވޯޓު ނެގިއިރު ވޯޓުލުން ހައްގުވާ މިންވަރަށް ވުރެ ގިނައިން ވޯޓުލި ކަމަށާއި އެ ވޯޓު އަލުން ނަގަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާހު ކުރެއްވުމަށްފަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން، އެވޯޓަށްފަހު ވޯޓް ހައްގުވާ މީހުންނަށްވުރެ އިތުރަށް ވޯޓް ލީކަމަށްވެސް އިއުލާންކުރި، އެވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ. އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ވޯޓުގައި ރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައެޅިނަމަވެސް ރައްޔިތުންގެ ނިންމުމަށް އަމަލުކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ބަހުސްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަޣާވާތްކުރުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ދީން ހަތިިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން މީހުންގެ މެދުގައި ނުތަނަވަސްކަން އުފެެއްދުމަށްވެސް ޖާގައެއް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑަށް ވޯޓް ލުމަކީ ދީނާ ގުޅޭ ކަމަށް ވާހަކަ ދައްކާފައިވާނެ މީހެއް ނޫން. އަދި އެވާހަކަތައް ދެއްކުމަށްފަހުގައި ދެން މިތަނަށް އައިސް ވޯޓް ދެއްވުމަށް އެދި ވާހަކަ ދެއްކުމުގެ ހުތުރު އަމަލުވެސް ނުކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ބަހުސްގައިވެސް، އެމްޑީޕީގެ ކެމްޕޭންތަކުގައި ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތައް ވަނީ ތަކުރާރުކުރައްވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މޫނު ބަލާ ލޯގަނޑު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީސް މެމްބަރުން ނަޒާހަތްތެރިވެ، ޕާޓީ ބަދަލުކޮށް އަދި ވޯޓް ވިއްކުންފަދަ އަމަލުތައް ކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.