27 Mar 2019, 08:50
ރާއްޖޭގައި އަލަށް ހުޅުވި އެސްއެމްއީ ބޭންކު ތަރައްގީކުރުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އަށް މުހިއްމު ރޯލެއް އަދާކުރެވިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ އާންމުންނަށް ވިއްކުމަށް އެބޭންކުގެ ހިއްސާދާރުން އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ހުޅުވި އިސްލާމިކް ބޭންކް ތަރައްގީވުމުގައި އައިސީޑީގެ ދައުރު ބޮޑު ކަމަށެވެ.
އެމްއައިބީގައި އައިސީޑީގެ ހިއްސާ އަކީ 70 ޕަސެންޓެވެ. އެކުންފުންޏަކީ އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އޭޝިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގައި އައިސީޑީގެ ހިއްސާ އާއެކު ހިންގާ ގިނަ ފައިނޭންސިން ކުންފުނިތައް އެބަހުއްޓެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓާގައި އިސްލާމިކް ފައިނޭންސިންގެ ދައުރު ފުޅާ ކަމަށެވެ.
"އެސްއެމްއީ އަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔެއް. އެސްއެމްއީ ގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީގައި މުޖުތަމައު ބާރުވެރިކުރުވާނެ.،" އަމީރު ވިދާޅުވީ މި ސަރުކާރުން އެސްއެމްއީ ބޭންކެއް ތައާރަފު ކުރީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ކަމަށެވެ.
އައިސީޑީ އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ބޭންކުތައް ތަރައްގީވުމުގައި މުހިއްމު ދައުރެއް އަދާކުރި ފައިނޭންޝަލް އިސްޓިޓިއުޝަން އަކަށްވާއިރު ރާއްޖޭގެ އެސްއެމްއީ ބޭންކުގެ ތަރައްގީ ގައި އައިސީޑީ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.
"މިވަގުތު އިންޓަނޭޝަނަލް ސުކޫކް އާ ދިމާލަށް ދިއުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް. އެކަމަކު، ސަރުކާރުން ފުރުސަތު ހުޅުވާލާފައި އޮތީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ތަކަށް. އަޅުގަނޑު އުއްމީދު ކުރަނީ އައިސީޑީ އާއި ދިވެހި ސަރުކާރު ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް،" އަމީރު ވިދާޅުވިއެވެ.