27 Mar 2019, 08:47
ލަންޑަން (މާޗް 26) : އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އިސްތިއުފާއަށް ތައްޔާރުވެ ވަޑައިގަންނަވާ ކަމަށް ލަންޑަންގައި ނުކުންނަ ޕޮލިއުލާ ނޫހެއް ކަމަށްވާ "ސަން" އިން ބުނެފިއެވެ.
އެނޫހުގެ އެޑިޓޯރިއަލް ބުނާގޮތުން ބްރެގްސިޓްގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިޔުމާއި އެމައްސަލަ ހައްލު ކުރުމުގައި ކުރިމަތިވަމުންދާ ނާކާމިޔާބީ ތަކުން ބޮޑުވަޒީރު ތެރޭސާ މޭ ގެންދަވަނީ އިސްތިއުފާ ދެއްވުމާމެދު ވިސްނަވަމުންނެވެ. މި މައްސަލާގައި ބުދަދުވަހު އެކަމަނާ ގޮތެއް ނިންމަވާނެ ކަމަށްވެސް "ސަން" ގެ އެޑިޓޯރިއަލް ބުނެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭގޮތުން އެ އިއްތިޙާދާއެކު ވެފައިވާ އެއްބަސްވުމަށް ރުހުން ހޯދުމަށް ތެރޭސާ ދެފަހަރެއްގެމަތިން ހައުސް އޮފް ކޮމަންސަށް ހުށަހެޅުއްވި ހުށަހެޅުމަށް ހައުސް އިންވަނީ ދެކޮޅު ހަދާފައެވެ. މިއާއެކު ބްރެގްސިޓްގެ މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ތެރޭސާ މޭގެ ސަރުކާރުގައި ނެތްކަމުގެ ތުހުމަތު އެކަމަނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
މިމައްސަލާގައި ތެރޭސާ ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީގެ ތެރެއިން ނާއި އިދިކޮޅު ލޭބާ ޕާޓީގެ ފަރާތުންވެސް އެކަމަނާއަށް ވަނީ ވަރުގަދަ ފިއްތުންތައް ކުރިމަތިވެ ވަޑައިގެންފައެވެ. ނަމަވެސް ތެރޭސާ ގެންދަވަނީ ބްރެގްސިޓްގެ އެއްބަސްވުމަށް ބައެއް އިސްލާޙްތައް ގެނައުމަށްފަހު އެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ވޯޓަށް އެހުމަށްޓަކައި ހައުސް އޮފް ކޮމަންސަށް ހުށަހެޅުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
އިތުރު އިސްލާޙް ތަކާއެކު ތިންވަނަ ފަހަރަށް ބްރެގްސިޓްގެ އެއްބަސްވުން ހައުސް އޮފް ކޮމަންސަށް ހުށަހަޅައިފިނަމަ އެ އެއްބަސްވުމަށް ހައުސްގެ ރުހުން ލިބިދާނެކަމުގެ އުންމީދު އެބައޮތްކަމަށް ތެރޭސާ އަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ.
އަނެއްކޮޅުން އިނގިރޭސި އާންމު ރައްޔިތުންވަނީ ބްރެގްސިޓް ގެ މައްސަލާގައި އިނގިރޭސި ރައްޔިތުން ދެކޭގޮތް އަލުން ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް އަލުން ނެގުމަށް ގޮވާލައި އާދީއްތަ ދުވަހު ލަންޑަންގައި މުޒާހަރާއެއް ކޮށްފައެވެ. ބްރެގްސިޓްގެ މައްސަލާގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަލުން ދިޔުމަށް އިނގިރޭސި ރައްޔިތުންގެ 56 އިންސައްތަ މީހުން ތާއީދުކުރާކަން ޚިޔާލު ހޯދުމުގެ ސާވޭއިން ވަނީ ހާމަވެފައެވެ.
އުމުރުފުޅުން 62 އަހަރުގެ ތެރޭސާ މޭ އިނގިރޭސި ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަތީ 2016 ވަނަ އަހަރުގައެވެ. (ރޮއިޓާސް)