16 Oct 2011, 10:40
ކުޅުދުއްފުށީގެ ބިން ވިއްކުމަށް ނިންމުމާ ގުޅިގެން ރައްޔިތުން މިއަދު ހެނދުނު ކުރަން ފެށި މުޒާހަރާ ނިންމާލައިފިއެވެ.
މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާ ނިންމާލީ މުޒަހަރާގައި އިސް ކޮށް ހަރަކާތްތެރިވި މީހުނާއެކު ރަށު ކައުންސިލުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލުން އެރަށުގެ ބިން ވިއްކުމުގެ މައްސަލައަށް ވަކި ގޮތެއް ނިންމަން ތިން ދުވަހުގެ މުހުލަތަކަށް އެދުމުން ކަމަށެވެ.
އޭނާ ބުނީ ތިން ދުވަސް ތެރޭގައި ކައުންސިލުން އެރަށުގެ ބިން ވިއްކުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައި ނުދީފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނެ ކަމަށާއި ކޯޓް މަރުހަލާ އަށް ގޮސްގެން ނަމަވެސް މައްސަލައަށް ހައްލެއް ގެނައުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ ކައުންސިލުން ތިން ދުވަސް ތެރޭގައި ރަށުގެ ބިން ވިއްކުމުގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސިޓީއަކުން މުޒާހަރާގެ ބައިވެރިންނަށް އަންގާފައިވާނެ ކަމަށެވެ. ތިން ދުވަހުގެ މުހުލަތަކަށް އެދުނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއެކު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޖެހޭތީ ކަމަށް ވެސް ޖަމްޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނީ ތިން ދުވަސް ތެރޭގައި މި މައްސަލަ އަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަން ސިޓީ އަކުން މުޒާހަރާގެ ބައިވެރިންނަށް އަންގާފަ. އަޅުގަނޑުމެންނަށް މަސައްކަތް ކުރާނަން ތިން ދުވަސް ތެރޭގައި މައްސަލަ ހައްލު ކުރެވޭތޯ،" ޖަމްޝީދު ވިދާޅުވިއެވެ.
---
ކުޅުދުއްފުށީ މުޒާހަރާގެ މިވަގުތަށް ވަނީ މައިތިރިވެފައެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ކައުންސިލު ކައިރީގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މުޒާހަރާ މައިތިރި ކުރީ ފުލުހުން ޕެޕާ ސުޕްރޭ ޖަހައިގެން ކަމަށް ބުނެވެ. އެ ހާދިސާގެ ތެރޭގައި ހިސާބަކަށް އަނިޔާވި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ މީހަކު ހައްޔަރު ނުކުރާ ކަމަށާއި ފަހުން ތަފުސީލު ދޭނެ ކަމަށެވެ. ރަށު ކައުންސިލުގެ ބައްދަލުވުމެއް ވެސް މިވަގުތު ހިނގަމުން އެބަދެ އެވެ.
ކުޅުދުއްފުށީ ފަޅު ތެރެއިން ހިއްކާފައިވާ ބިން ވިއްކުމަށް ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އެ ރަށު ކައުންސިލް އިދާރާ ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މުޒާހަރާ ކުރާ ސަރަހައްދުގައި ފުލުހުން ވެސް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދޭތެރޭގައި އެއްވެސް ވަރަކަށް ހަމަނުޖެހުންތަކެއް ހިނގައިފައި ނުވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ކައުންސިލް އިދާރާ ކުރިމަތީގައި އެއްވެފައި ތިބި މީހުންގެ ހިޔާލުފާޅުކުރުންތަކަށް ފުލުހުން ހުރަސް ވެސް ނާޅާ ކަމަށެވެ.
"ރައްޔިތުން މުޒާހަރާކުރަނީ ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަން އިން އެރަށުގެ ފަޅުތެރެއިން ހިއްކާފައިވާ ބިން ވިއްކަން ނިންމުމާ ގުޅިގެން އެކަންތައް ހުއްޓުވަން. ދެން ފުލުހުން ވެސް ހުރަހެއް ނާޅާ. ހަމަ ވަރަށް އަމާންކަމާ އެކު ރައްޔިތުންނަށް ކައުންސިލް އިދާރާ ކުރަމަތީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދީފައި ފުލުހުން އޮތީ،" އޭނާ ބުންޏެވެ.
ނަމަވެސް ކުޅުދުއްފުށީގައި މިހާރު ހިގަމުންދާ މުޒާހަރާގައި ހަރަކާތްތެރިވާ މީހަކު ބުނީ މުޒާހަރާ ފެށުނު ވަގުތު ފުލުހުން ނުކުމެ މަގު ބަންދުކޮށް، އެރަށު ކައުންސިލް އިދާރާ އަށް ދެވެން އޮންނަ ހުރިހާ މަގެއް ބަންދުކުރި ކަމަށެވެ. އެހެންނަމަވެސް ފަހުން ފުލުހުން ފަހަތަށް ޖެހި މުޒާހަރާގެ ބައިވެރިންނަށް ކައުންސިލް އިދާރާ ކުރިމަތީގައި ހަރަކާތްތެރި ވެވޭނެ ގޮތް ހަދައިދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ލިޔުމާ ގުޅޭ އޯޑިއޯ