26 Mar 2019, 19:26
ސިޔާސީ ސަބަބުތަކަށް ޓަކައި ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކުރި 104 މީހަކަށް އަނބުރާ ވަޒީފާދޭން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާ އިން ވަކިކުރި ކަމަށް ބުނެ ދައުލަތުގެ 49 މުވައްސަސާއަކުން 800 ޝަކުވާ އެ އޮފީހަށް ލިބުނު ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހެޅީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކުން ވަކިކޮށްގެން ކަމަށެވެ. އެގޮތުން ފެނަކައިން 125 ޝަކުވާ އަދި އެމްޕީއެލްއިން ވަކިކޮށްގެން 55 ޝަކުވާގެ ފޯމް ލިބުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ޝަކުވާ ރައްދުވާގޮތަށް 85 ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 169 ޝަކުވާއަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ޝަކުވާތައް ރައްދުވާ މުވައްސަސާތަކަށް ހުށަހަޅާފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރި ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ސަތޭކަ ހަތަރު މީހަކަށް އަނބުރާ ވަޒީފާ ދޭން ނިންމިއިރު ބައެއް ފަރާތްތަކަކަށް މިހާރު ވަޒީފާ އިއާދަކޮށްދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.