ދިރޭ ތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމުގެ ގޮތުން ރާއްޖޭގައި ބައްދަލުވުމެއް މިއަދު ފަށައިިފިއެވެ.

"ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވަން)" ގެ ނަމުގައި ޗަމްޕާ ސެނެޓްރަލް ހޮޓެލްގައި މިއަދު ފެށި އެ ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ.

ސާވަން އަކީ އޭޝިއާ ގައުމުތަކުގެ ދިރުންތަކާއި ވަގު ވިޔަފާރީގެ މައްސަލަތައް ބެލުމަށް ކަނޑައެޅިފައި އޮންނަ ޖަމްއިއްޔާއެކެވެ.

ދިރޭ ތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމުގެ ގޮތުން މިއަދު ފެށި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ސާވަންގެ މައިގަނޑު މަގްސަދަކީ އެއް ގައުމުން އަނެއް ގައުމަށް ކުރެވޭ ވަގު ވިޔަފާރިތަކާއި އަދި އެ ގައުމެއްގެ ހިމާޔަތްކޮށްފައިހުރި ދިރުންތަކުން ކުރެވޭ ވިޔަފާރިތައް ހުއްޓުވުންފަދަ މައުލޫމާތު ކަމާގުޅުންހުރި ގައުމުތަކާ ހިއްސާކުރުމެވެ.

ސާވަންގެ މި ބައްދަލުވުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަނީ ސާކްގެ ކޮނެމެވެސް އެއް ގައުމެއްގައެވެ.

ސާވެންގެ ހުރިހާ ގައުމުއްގައިވެސް ކަމާގުޅުންހުރި ހުރިހާ އިދާރާއެއް އޮންނަނީ ގުޅިފައެވެ. އެގޮތުން ރާއްޖޭގައި ނަމަ ދިރުންތަކާގުޅޭ މަސައްކަތްކުރެވެނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓަރީ ގުޅިގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ފެށި ބައްދަލުވުމުގައި ސާވަންގެ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ހުރިހާ ސާވަންގެ ކަންތައްތައް ބަލަހައްޓާ ފޯކަލް ޕޮއިންޓްތަކުގެ ބޭފުޅުން ބައިވެރިވެ ފާއިތުވި އަހަރު ސާވަން އިން ކުރެވުނު ކަންތައްތައް ހިއްސާކޮށް، އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިނަމަ އެކަމެއް އިސްލާހުކޮށް ފާއިތުވެދިޔަ އަހަރުތަކުގެ ފިލާވަޅުތައް ހިއްސާކުރި ކަމަށެވެ.