އިސްލާމްއާބާދު (މާޗް 26): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ނަވާޒް ޝަރީފު އެދިވަޑައިގަތީ ހިތާއި ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމީ ގައުމުން ބޭރަށް ނުދެވޭ ގޮތަށް، ހަ ހަފްތާއަށް ޝަރީފް ދޫކޮށްލުމަށެވެ.

ނަމަވެސް ހަ ހަފްތާ ފަހުން ޝަރީފް އަމިއްލައަށް ފުލުހުންނާ ހަވާލުވާން ދެކޮޅު ހައްދަވައިފި ނަމަ ހައްޔަރު ކުރާނެ ކަމަށް ފަނޑިޔާރު އާސިފް ސައީދު ޚޯސާ ވިދާޅުވި އެވެ.

ނަވާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން 1990 އިން 1993 އަށް އަދި އަނެއްކާވެސް 1997 އިން 1999އަށް ކުރައްވާފަ އެވެ. އޭގެ ފަހުން 2013އިގައި އަނެއްކާވެސް އޭނާ ވެރިކަމަށް އިންތިހާބުވި އެވެ. ނަމަވެސް 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ޝަރީފް މަގާމުން ދުރުކޮށްފަ އެވެ.

އަދި މިދިޔަ އަހަރުގެ ޖުލައި މަހާއި ޑިސެމްބަރު މަހު ޝަރީފްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދެ ދައުވާއެއް ސާބިތުވެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ މައްސަލައިގައި ޝަރީފްގެ މައްޗަަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް ދެވަނަ މައްސަލައިގައި އޭނާ ހަތް އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ޝަރީފް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި ދެމައްސަލަވެސް ވަނީ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.