ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ވެސް އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބު އަދި ވެސް އޮންނެވީ އެޑްމިޓްކޮށްފައި ކަމަށެވެ. ހޮސްޕިޓަލުން ޑިސްޗާޖު ކުރާނީ ކޮންއިރަކުން ކަމެއް އައިޖީއެމްއެޗަކުން ނުބުނެ އެވެ. ހޮސްޕިޓަލުން ބުނީ އަދީބު އޮންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދީބުގެ ހާލަތާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބެ އެވެ.

އަދީބުގެ ސިއްހީ ހާލު ގޯސްވެ ޖަލުގައި ހުންނަވަނިކޮށް އެކިފަހަރު މަތިން އައިޖީއެމްއެޗަށް ގެނެސް ވަނީ ފަރުވާ ދީފަ އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކޮށްފަ އެވެ. އޭގެ ފަހުން އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އަދީބު ގޭބަންދަށް ބަދަލުކުރީ ނޮވެމްބަރު 27ގަ އެވެ. ގެއަށް ބަދަލުކުރިފަހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވާ ޕާޓީގެ ކަންކަމުގައި އުޅުއްވި އެވެ.

އަދީބު ގޭބަންދުގައި ހުންނަވަނިކޮށް މިމަހުގެ ކުރީކޮޅު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިލްތިމާސްއާ ހިލާފަށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އޮޕަރޭޝަނަށް ފަހު އަދީބް ޖަލަށް ގެންގޮސް ފަރުވާއަށް އެކި ފަހަރު މަތިން ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އޭސީސީ ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން 91 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.