އެމްއެމްޕީއާރުސީގެ ހިޔާނާނާތުގެ ނަގުދު ފައިސާ ލިބުނު ފަރާތްތައް ކަމަށް ބުނެ އެ ފަރާތްތަކުންގެ ނަންތައް ހިމެނޭ ލިސްޓެއް ރިޔާސީ ކޮމިޝަނުން އާންމު ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި އެއީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަނުން ކަންބޮޑުވާ ކަމެއް ކަމަށް، އެ ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހްމާން އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެެވެ. އަދި އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެކެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މަޖިލިސް އިންތިހާބަށް ކައިރިވެފައި ވަނިކޮށް ރިޔަސީ ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ފަރާތްތަކުގެ ލިސްޓެއް އާންމު ކުރުމަށް ތައްޔާރު ވަމުން ދާ ކަމަށާއި އެއީ އިންތިހާބާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ނަގުދު ފާއިސާ ދިން މީހުންގެ ލިސްޓޭ ކިޔާގައިން [ރިޔާސީ ކޮމިޝަނުން] ލިސްޓެއް އާންމު ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް [މައުލޫމަތު ލިބޭ]. ވަރަށް ބޮޑު ޖަރީމާއެއް މި ހިންގަނީ. ވަރަށް ބޮޑަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް މި ކުރަނީ،" އަދުރޭ ވިދާޅުވިއެވެ.

މިއަދު ޕީޕީއެމްއާއި ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރިޔާސީ ކޮމިޝަނުން ހިޔާނާތުގެ ނަގުދު ފާއިސާ ލިބުނު ކަމަށް ބުނެ ލިސްޓެއް ނެރެން އުޅުއްވާތީ ކަންބޮޑުވާ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެ ލިސްޓް އާންމު ކުރުމުން ކަންބޮޑުވެވަޑައިގަންނަވަނީ ކީއްވެތޯ "ސަން" އިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، އެފަދަ ރިޔާސީ ކޮމިޝަނަކަށް ކޮންމެފަދަ ލިސްޓެއް އާންމު ކުރެވިދާނެ ކަމަށާއި އިންތިހާބާ ދިމާކޮށް އެފަދަ ލިސްޓެއް އާންމު ކުރަނީ ކެންޑިޑޭޓުންގެ އަގު ވައްޓާލަން ކަމަށެވެ.

"މި ޖަރީމާ ހިންގި ގިނަ މީހުން ދައުލަތުގެ ހެކިންނަށް ބަދަލުކޮށްފައި. އެ މީހުންނަށް ހިމާޔަތްދޭ ގޮތަށް ބޮޑު ސިންގާ ލިސްޓެއް އާންމު ކުރުމަކީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރާ ކަމެއް،"

"ކިހިނެތްތޯ އެމީހުން ސާބިތުކޮށްދޭނީ. މިސާލަކަށް އެމްއެމްޕީއާރުސީގެ ފައިސާއިން އަޅުގަނޑަށް ނޫނީ [ނައިފަރު ދާއިރާ މެމްބަރު] ޝިޔާމަށް ފައިސާ ދިން ކަމަށް. މީހަކު ބުނާ ބުނުމެއް ނޫންތޯ އޮންނާނީ. އެއޮތީ އެސްއޯއެފްގެ ފައިސާ ޖަމާކުރި މީހުންގެ ލިސްޓް. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މީހަކު ނުހިމެނޭ. ނަމަވެސް އެބޭފުޅުން ބޭނުންވަނީ، އަޅުގަނޑުމެން އެންމެން ހިމަނައިގެން އަޅުގަނޑުމެންނަށް މައުލޫމަތު ލިބޭ ގޮތުގައި 80 ވަރަކަށް މީހުންގެ ލިސްޓެއް ނެރުމަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ، ވިދާޅުވީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އަދި ވަރަށް ގިނަ ރައީސް ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑީޑޭޓުންގެ ނަންތައް އެ ލިސްޓްގައި ހިމަނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، އެލިސްޓް އާންމު ކުރައްވަން އުޅުއްވަނީ އެމްޑީޕީގެ އެޖެންޑާ 19 ކާމިޔާބުކުރުމަށްޓަކައި ބޭނުންވާ އަގުލަބިއްޔަތު ހޯދުމަށްޓަކައި ކަމަށާއި އެގޮތަށް ކަންތައް ކުރައްވަނީ، " އަގުލަބިއްޔަތު ނުލިބިދާނެތީ ބިރުން" ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ ކޮމިޝަނުން އެ ލިސްޓް އާންމު ކުރެވުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތަކެއް ކުރެއްވުމަށް ޕްރޮސެކުއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތު މިހާރު އިނގިރޭސީ ވިލާތަށް ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން ބަންދެއްގައި ހުންނެވުމުން އެކަމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވާ ވިދާޅުވުން އަދުރޭ މިއަދުވެސް ތަކުރާރު ކުރެއްވި އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އަދުރޭ ގޮވާލިއެވެ.

މީގެ އިތުރުން އަދުރޭ ވަނީ ޕީޕީއެމް އަށް އިލެކްޝަންސް ކޮމިޝަނުން ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބެތީ އެކަމާ ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ކަމާ ގުޅިގެން ކޯޓަށް ދާން ޖެހޭ ނަަމަ ކޯޓަށް ދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.