ކޮންމެ ކުށެއްގައި ކޮންމެ މީހަކު ޖަލަށް ލުމަށް ވުރެ މާލީ ގޮތުން ގައުމަށް ރަނގަޅީ ]ގޭބަންދުކުރުން، އަރުވާލުން، މަސައްކަތް ކުރުވުން ފަދަ[ އެހެނިހެން އަދަބުތައް ދިނުން ކަމަށާއި ގިނަ ބަޔަކު އަނބުރާ މުޖުތަމައަށް ގެނެވޭނީ ވެސް އެގޮތަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓަރު އޮފް ޖަސްޓިސް ޑރ. މުހައްމަދު ބިން އަބުދުލް ކަރީމް އަލް އިއްސާ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އޮތް "ޓްރެންޑްސް ޓްވާޑްސް އޯލްޓަނޭޓިވް ޕަނިޝްމަންޓް"ގެ ނަމުގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވި ކަމަށް ސައުދީ ސަރުކާރުގެ ނޫސް "ސައުދީ ގެޒެޓް" ގައިވާ ގޮތުގައި މީހުން ޖަލަށް ލާންވާނީ އެމީހުންނަކީ ގައުމީ އަދި އިޖުތިމާއީ ސަލާމަތަށް ހުރި ނުރައްކަލަކަށްވާ ހާލަތްތަކުގައި އެންމެ ފަހު ކަމެއްގެ ގޮތުންނެވެ.

މުހައްމަދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ގައިދީންނާ މެދު އެންމެ ރަނގަޅަށް ކަންތައްތައް ކޮށްދިނަސް އެމީހުން، އެމީހުންގެ އާއިލާގެ އަޅާލުމުން މަހުރޫމުވާނެކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއީ ދައުލަތުގެ އާމްދަނީ އިން ބޮޑު ބައެއް ހޭދަވާ ކަމެއްކަން ވެސް ހަނދާން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ޖަލަށް ލުމަކީ މީހުން އިސްލާހު ކުރުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރެއް ނޫން. ޖަލު ވާން ޖެހޭނީ ކުށުގެ ރެކޯޑް އޮންނަ އަދި ސަލާމަތާއި އަމާން ކަމަށް ނުރައްކަލަކަށް ވެފައިވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަނަކަށް،" މުހައްމަދު ވިދާޅުވި ކަމަށް ސައުދީ ގެޒެޓްގައިވެ އެވެ.

ޖަލަށް ލުމުގެ ބަދަލުގައި އެހެނިހެން އަދަބުތައް ދިން ނަމަވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބުތަކުގެ ބަދަލުގައި އެހެން އަދަބެއް ނުދެވޭނެކަން މުހައްމަދު ފާހަގަ ކުރައްވާފައިވެ އެވެ.

މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި އޯލްޓަނޭޓިވް އަދަބުތައް ދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެކެވެ. އަދި އެއީ ޝަރީއަތުގައިވާ ލުއިފަސޭހަތަކުގެ ތެރެއިން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އަދި ޖަލަށް ލުމުގެ ބަދަލުގައި އެހެން އަދަބެއް ދިނުމަށް ހުކުމް ކުރައްވާ އިރު ކުށްކުރި މީހާގެ އުމުރަށާއި ކުށުގެ ރެކޯޑަށް ބެއްލެވުމަށް މުހައްމަދު ސައުދީ އަރަބިއްޔާގެ ގާޒީންނަށް ގޮވާލެއްވި އެވެ.

މުހައްމަދު ވާހަކަފުޅު ދެއްކެވި ފޯރަމް އަކީ ސައުދީ އަރަބިއްޔާގެ ޝަރުއީ ނިޒާމަށް އިސްލާހުތައް ގެންނައުމުގެ ގޮތުން އެގައުމުގެ ޖަސްޓިސް މިނިސްޓްރީން އިންތިޒާމްކުރި ފޯރަމެކެވެ.