26 Mar 2019, 14:44
އަންނަ އަހަރު ތައިލަންޑުގައި ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަނުގައި ބައިވެރި ވުމަށް ސައުދީގައި ތިބި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން މިރޭ އުމްރާ ކުރުމަށް މައްކާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.
ކޮލިފިކޭޝަނުގެ ފަހު މެޗުގައި މިރޭ ރާއްޖޭގެ ޒުވާން ޓީމު ލުބުނާނާއި ވާދަކުރުމަށް ފަހު އުމްރާ ކުރުމަށް މައްކާއަށް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނެފި އެވެ. މޯ ބުނީ މިރޭ 11 ޖަހާއިރު، ސައުދީގެ ވެރިރަށް ރިޔާޟުން ޓީމު މައްކާއަށް ދާން ފުރާނެ ކަމަށެވެ.

ސައުދީ އަރަބިއާގައި ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު --- ފޮޓޯ/ އެފްއޭއެމް
"މިއީ އެފްއޭގެ ރައީސް ބައްސާމް އާ ސައުދީ ފެޑްރޭޝަން ގުޅިގެން މި ޓީމަށް ހަމަޖެހުނު ފުރުސަތެއް. މި ފުރުސަތު ތަނަވަސްވީމުގައި ބައްސާމް މިކަމަށް ކުރި މަސައްކަތް ފާހަގަ ކުރަން، މި ފުރުސަތު ލިބުނީމަ ކުޅުންތެރިން ތިބީ ވަރަށް އެގްޒައިޓް ވެފައި."
ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ ކޮލިފައިންގެ ފުރަތަމަ މެޗުން މިދިޔަ ހުކުރު ދުވަހު ސައުދީ އަތުން ރާއްޖެ ބަލިވީ 6-0 އިންނެވެ. ދެ ވަނަ މެޗުން މިދިޔަ އާދިއްތަ ދުވަހުގެރޭ ޔޫއޭއީ އަތުން ބަލިވީ 3-0 އިންނެވެ. މިރޭގެ ލުބްނާނާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ނުކުންނަ އިރު ރާއްޖެ ވަނީ ކޮލިފިކޭޝަން ރައުންޑުން ކަޓައިފަ އެވެ.
ސައުދީގެ ފޫޓްބޯޅަ ފެޑްރޭޝަނާ އެފްއޭއެމް ގުޅިގެން ރާއްޖޭގެ ގައުމީ ޓީމުގެ އުމްރާ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވާ އިރު އުމުރާ ނިންމާލުމަށް ފަހު ޓީމު ރިޔާޟަށް ދާނީ، މާދަމާ އެވެ. އަދި ޓީމު ރާއްޖެ އައުމަށް ފުރާނީ މާދަމާ ރޭ 11 ޖަހާއިރު އެވެ.