ތ. ތިމަރަފުށީގައި ވޭންއަކުން ޖެހި އެކްސިޑެންޓްވީ މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި އެވެ.

އެ ހާދިސާގައި ޒަހަމްވެފައި ވަނީ ތ. ވަންދޫއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ޒުލޭހާ އެވެ.

ޒުލޭހާގެ ދަނބިދަރިފުޅު އަދި ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ އޭނާ އަށް އިތުރު ފަރުވާއަށް އާއިލާގެ އެދުމާ އެކު މިދިޔަ ހޮނިހިރު ދުވަހު ލަންކާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ އަށް މިހާރު ފަރުވާ ދެމެންދަނީ ލަންކާގެ ނަވޮލޯކާ ހޮސްޕިޓަލްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގިޔާސް ވިދާޅުވީ ޒުލޭހާ އަދި ވެސް ހޭނާރާ ކަމަށެވެ. ޒުލޭހާ ވަނީ އޭޑީކޭގައި އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

"އަދި ވެސް އޮތީ ވެންޓިލޭޓަރުގައި. އޮޕަރޭޝަން ކުރިފަހުން ކުރިއަށް ވުރެ ތަންކޮޅެއް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގައިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

"ތިމަރަފުށީ އެއާޕޯޓަށް މީހަކު ބަލާދާންވެގެން ހިނގާފައި ދިޔައީ. ހިއްކާފައި އޮންނަ ހިރިޔާ ފުށި ސަރަހައްދުގައި ހިނގާފައި ދަނިކޮށް ފަހަތުން އައި ޥޭނުން ޖެހުނީ. ވިހި ފޫޓަށް ވިއްސައިގެން ދިޔައީ،" ގިޔާސް ވިދާޅުވި އެވެ.

އެ ހާދިސާގައި ޒުލޭހާގައި ސިކުނޑިއަށް ވަނީ ލޭ ވެސް އެޅިފަ އެވެ. އަދި އެ ހާދިސާގައި އޭނާގެ ކަށިގަނޑުގެ ދެ ފަރާތުން ތިން ކަށިގަނޑު ބިނދި އަދި ތިން ދަތް ވެސް ވަނީ ބިނދިފަ އެވެ.