ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްުޔަނު ކުރެއްވި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަކީ މަގާމަށް ގާބިލް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަމީދު ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނު ކުރެއްވީ މިއަދުއެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު އައްޔަނު ވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"މިހާތަނަށް އެކްޓިން ސީޕީގެ މަގާމުގައި ހުންނެވި ހަމީދަކީ ވަރަށް ގާބިލް ބޭފުޅެއް. މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް،" އިމްރާން ވިދާޅުވިއެވެ.

އެމްސީ ހަމީދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ޅިޔަނެކެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި، 2012 އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދޫނިދޫގައި ބަންދުވެސް ކުރިއެވެ. އެމްސީ ހަމީދު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކުުރުމުން، އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ސުޕްރީމު ކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

އެ ހުކުމާ އެއްގޮތަށް އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ.

މި ސަރުކާރު ފެށުނުއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފުލުހުންގެ ހިންގުން ހަމީދާ ހަވާލުކޮށްފައިވަނީ އޭސީޕީގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓުކުރުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުއެވެ.