ދިއްލީ (މާޗް 26): އިންޑިއާއިން އަންނަ މަހު ބާއްވާ އާއްމު އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެގައުމުގެ އެންމެ ފަގީރު 50 މިލިއަން އާއިލާއަށް އާމްދަނީ ލިބޭނެ ސްކީމެއް ތައާރަފް ކުރާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފި އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވި ގޮތުގައި އެޕާޓީގެ ސަރުކާރުން "ދުނިޔޭގެ އެންމެ ބޮޑު މިނިމަމް އިންކަމް ސްކީމް" ތައާރަފް ކުރާނެ އެވެ. އަދި އެސްކީމުގެ ދަށުން އިންޑިއާގެ އެންމެ ފަގީރު 20 ޕަސެންޓު އާއިލާތަކަށް ކޮންމެ އަހަރަކު 72،000 ރުޕީސް (1050 ޑޮލަރު) ލިބޭނެ އެވެ. އެހެންކަމުން އެސްކީމުގެ ފައިދާ 50 މިލިއަން އާއިލާތަކަށް އަދި 250 މިލިއަން މީހުންނަށް ކުރާނެ އެވެ.

"ފަގީރު ކަމާ ދެކޮޅަށް ކުރާ އެންމެ ފަހު މަސައްކަތް ވަނީ ފައްޓާފަ. އަޅުގަނޑުމެން މިގައުމުން ފަގީރުކަން ނައްތާލާނަން،" ގާންދީ ވިދާޅުވި އެވެ.

އެސްކީމުގެ އަގު 52 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އެސްކީމަށް ފަންޑު ކުރާނީ ކިހިނެއް ކަމެއް ގާންދީ ވިދާޅުނުވެ އެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ގައުމުގެ ހުރިހާ ނުވަތަ ބައެއް ރައްޔިތުންނަށް އެއްވެސް ޝަރުތަކާ ނުލައި ކުޑަ އާމްދަނީއެއް ދިނުމަށް ޔުނިވާސަލް ބޭސިކް އިންކަމް ތައާރަފް ކުރުމަށް މަޝްވަރާތައް ބާއްވާފަ އެވެ.

އަދި 2017 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ހެދި އިގުތިސާދީ ސާވޭއަކުން ދެއްކި ގޮތުގައި ގައުމުގެ އާބާދީގެ 75 ޕަސެންޓަށް އެހީވުމަށް އެފަދަ ސްކީމެއް ފަށައިފި ނަމަ، އޭގެ ސަބަބުން ފަގީރުކަން ފާހަގަކޮށްލެވޭ މިންވަރަށް ދަށްވާނެ އެވެ. އެފަދަ ސްކީމްތައް މީގެ ކުރިން ފިންލެންޑާއި ކެންޔާ އާއި ނެދަލެންޑްސްގައި ވަނީ ޓެސްޓުކޮށްފަ އެވެ.

ނަމަވެސް އިކޮނޮމިސްޓުން ވަނީ އިންޑިއާ ފަދަ ބޮޑު ގައުމެއްގައި އެފަދަ ސްކީމެއް ކުރިއަށް ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެފަދަ ސްކީމެއް ފެއްޓުމަށްޓަކައި ސަރުކާރުގެ ބައެއް ސަބްސިޑީތައް ކަނޑާލުން ފަދަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެއީ އާއްމު ގިނަ ރައްޔިތުން ތާއިދު ކުރާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބޭސިކް އިންކަމް ސްކީމް ތައާރަފް ކުރުމުން، މަސައްކަތް ކުރާ މީހުންގެ އަދަދު މަދު ވާނެ އެވެ.

އިންޑިއާގެ އާއްމު އިންތިހާބު ފެއްޓޭނީ އަންނަ މަހުގެ 11އިގައި އެވެ. އަދި އިންތިހާބު ނިމި، ނަތީޖާ އިއުލާން ކުރާނީ މެއި 23ގައި އެވެ.