16 Oct 2011, 09:27
ބެންގކޮކް (އޮކްޓޯބަރ 16) : ތައިލެންޑަށް ކުރަމުން ގެންދާ ވިއްސާރައިގާ ވެރިރަށް ބޭންކޮކްގެ ބައެއް ސަރަޙައްދުތަކުގައި ވެސް ފެންބޮޑުވެއްޖެ އެވެ. ބާރަ މިލިޔަން މީހުން ދިރިއުޅޭ ބެންކޮކްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވީ ޗާވްވަރިޔާ ކޯރުފުރި ބަންޑުންވާން ފެށުމުން ނެވެ.
ބެންކޮކްގެ އުތުރުގައިވާ ފެންރައްކާކުރާ ޑޭމްތައްވެސް ފުރި ބަންޑުންވުމާ އެކު މުޅި ބެންކޮކްގައި ވެސް ފެންބޮޑުވެދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ތައި ސަރުކާރުން ބުނެއެވެ. ފެންބޮޑުވުމުގެ ނުރައްކަލުން ބެންކޮކް ސަލާމަތް ކުރުމަށްޓަކައި އާންމުންނާއި ސަލާމަތީ ބާރުތައް ގުޅިގެން އެ ރަށުގެ އެތަންމިތަނުގައި ވެލިބަސްތާތައް ޖައްސައި ވަގުތީ ޑޭމްތައް ޤާއިމް ކުރަމުން ގެންދިޔުމުގެ އިތުރުން ބޮޑުވެފައިވާ ފެންގަނޑު ކަނޑަށް ބޭރުކޮށްލުމަށް ވެސް އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ތައި ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާ ވަނީ ފެނުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ބެންކޮކްގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. ބެންކޮކްގެ މައި ވިޔަފާރީގެ މަރުކަޒުތައް ފެނުން ސަލާމަތްކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޔަންގްލިކް ވިދާޅުވި އެވެ. ޚާއްސަކޮށް ބެންގކޮކްގެ މެދުތެރޭގެ ސަރަޙައްދުތަކާއި ސިނާޢީ ސަރަޙައްދުތަކާއި ބެންކޮކްގެ ސަފަރްނާ ބޫމީ ވައިގެ ބަނދަރު ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުންނާއި އެހެން އިދާރާތަކުގެ އެތަށް ހާސްބަޔަކުދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ތައިލެންޑަށް ކުރަމުން ގެންދާ ވިއްސާރައިގާ އެޤައުމުގެ ތިން ބައިކުޅަ އެއްބައި ފެނުގެ އަޑީގައިވާއިރު ފެންބޮޑުވުމުގެ ސަބަބުން 289 މީހަކު ވަނީ މަރުވެފަ އެވެ. މިވިއްސާރާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެޤައުމުގެ އުތުރަށާއި އިރުއުތުރުގައިވާ ފަގީރު ސަރަޙައްދުތަކަށެވެ. ތައިލެންޑަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން ތިން ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެޤައުމުން ބުނެ އެވެ. (ރޮއިޓާސް)