ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ރާއްޖޭގެ ތާރީހުގެ އެންމެ ކާމިޔާބު ކުލަބް ނިއުރޭޑިއަންޓް ސްޕޯޓްސްގެ ބަދަލުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވާނީ ޓީމަކީ ކޮބައިތޯ އެއީ މިވަގުތު ގިނަ ބަޔަކު އުފައްދަމުންދާ ބޮޑު ސުވާލެކެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ ބޮޑު ތާއިދަކާ އެކު އެފްއޭއެމް އިން ނިއުރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ނިންމާފައިވާ އިރު ނިއުއާ އެއްކޮޅަށް ތާއީދު ކުރީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު އެކަންޏެވެ.

ނިއުރޭޑިއަންޓުން ސަސްޕެންޝަނުން އަރައިގަތުމަށް މިވަގުތު އޮތް މަގަކީ ކުޅުންތެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމާއި އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށް ކުޅުންތެރިން ހުށައަޅާފައިވާ މައްސަލަތައް އެ ކުޅުންތެރިން އަނބުރާ ގެންދިއުމެވެ. ނަމަވެސް ނިއުރޭޑިއަންޓުން އެފަދަ އެއްވެސް ކަމެއްގެ ހަބަރެއް ވެފައި ނުވާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ނިއުރޭޑިއަންޓުގެ ސަސްޕެންޝަނާ އެކު ފުރަތަމަ ޑިވިޝަނުން ހުސްވެފައިވާ ޖާގަ ފުރުމަށް ޓަކައި ޖާގަ ދޭން ދެ ކުލަބެއްގެ ނަން ހާމަ ކޮށްފައިވާ އިރު އެތަނުން ޖާގަ ދޭނެ ކުލަބެއް އަދި އެއްކޮށް ފައިނަލް ނުކުރާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އެ ޖާގައަށް ވާދަ ކުރާ ދެ ޓީމަކީ ވޭތުވެ ދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓު ވެގެން ދިޔަ ރާއްޖޭގެ ތާރީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ވެލެންސިއާ އާއި މިދިޔަ އަހަރުގެ ސެކޮންޑް ޑިވިޝަނުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކުލަބެވެ.

އިއްޔެ ބޭއްވި ކޮންގްރެސްއަށް ފަހު އެފްއޭއެމް އިން ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހުސްވެފައިވާ ފުރަތަމަ ޑިވިޝަނުގެ ކުލަބުގެ ޖާގައަށް ފުރުސަތު ދޭނީ ކުލަބުތަކުގެ ރޭންކަށް ބެލުމަށް ފަހު ކަމަށެވެ.

"ރޭންކަށް ބަލައިފިއްޔާ އަޅުގަނޑަށް ހީވަނީ ކުލަބު ވެލެންސިއާއަށް ހެން ފުރުސަތު ލިބިގެން ދާނީ. އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި ވެސް މަޝްވަރާ ކުރެވިފައި ވަނީ އެގޮތަށް، އެހެން ނަމަވެސް މިހަފުތާގައި ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ." ބައްސާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާލޭ ލީގުގެ ފުލުގައި ވެލެންސިއާ ނިންމާލުމާއި ގުޅިގެން ރެލިގޭޝަން ކޮލިފައިން ކުޅެން ޖެހުމުން ދެ މެޗުން ވެސް ޔުނައިޓެޑް ވިކްޓަރީއާ ވާދަކޮށް އެ ޓީމު ވަނީ ބަލިވެފަ އެވެ. އެއާ އެކު އެ ޓީމު މިވަގުތު އޮތީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގައި ބޮޑު ތާރީހެއް އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބުން ވެސް މުސާރަ ނުދިނުމުގެ މައްސަލަތަކެއް އެފްއޭއެމްއަށް ހުށައަޅާފައިވާ ކަމަށާއި އެ ކުލަބައް ދީފައިވާ މުޙުލަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ކުލަބާއި މެދުގައި ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެފްއޭއެމް އިން ވަނީ ދީފަ އެވެ.