ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި މޭޒު ބަހައްޓައިގެން ރެސްޓޯރެންޓުތަކުން ވިޔަފާރި ކުރާ މައްސަލަ އަކީ ބޮޑުވެފައި އޮތް މައްސައެކެވެ. ހާއްސަކޮށް ހިތްހަމަ ޖައްސައިލުމަށް ބީޗަށް ދާ މީހުންނަށް އެ ފުރުސަތު ނުލިބުމަކީ ބޮޑު ޝަކުވާއެކެވެ.

އެތައް ދުވަހަކަށްފަހު މި ޝަކުވާ އަޑު އިވި އެޗްޑީސީ އިން ވަނީ ބީޗުގައި ވިޔަފާރި ކުރާ ފަރާތްތަކުން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް ބީޗު ހުސްކުރުމަށް މުއްދަތު ދީފައެވެ. އެއާއެކު އެތަނުގައި ވިޔަފާރި ކުރަމުންދިޔަ ގިނަ ބަޔަކު އެ ތަން ހުސްކުރިއެވެ.

ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އޭގެ ފަހުން ދެ މަސްވާން ކައިރި ވެފައިވާއިރު އަނެއްކާވެސް ބީޗުގައި، ގާތްގަނޑަކަށް މޫދާ ޖެހެންދެން ގޮނޑި މޭޒު ބަހައްޓައިގެން ރެސްޓޯރެންޓުތަކުން ދަނީ ވިޔަފާރި ކުރަމުންނެވެ. މޫދަށް ގޮސް އުޅޭ ފަރާތްތަކުން ބީޗުގައި ބޭނުން ކުރާނެ ޖާގައެއް ނެތި ބައެއް ސަރަހައްދުތަކުގައި މޭޒު ޖަހައިގެން ރެސްޓޯރެންޓު ވިޔަފާރި ކުރާތަން ދަނީ ފެންނަމުންނެވެ.

އެކަމާ ގުޅޭގޮތުން "ސަން" އިން އެޗްޑީސީ އާ ސުވާލު ކުރުމުން ބުނެފައިވަނީ އެޗްޑީސީގެ އެންގުމާ އެއްގޮތަށް ބީޗުގައި ހުރި ސްޓްރަކްޗާތައް ނަގާ، އެ ސަރަހައްދު ހުސްކުރި ފަރާތްތަކަށް ސްޓްރަކްޗާ އާ ނުލާ ވަގުތީގޮތުން އެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ހުއްދަ ދީފައިވަނީ އެމްޑަބްލިއުއެސްސީ ގެ ޕައިޕްލައިން އެޅުމުގެ މަސައްކަތް ފެށުމާ ހަމައަށް. އަދި އެންގުމާ އެއްގޮތަށް ބަދަލުތައް ނުގެންނަ ފަރާތްތަކަށް ވަނީ އެކަން ހައްލު ކުރުމަށް ފުރުސަތު ދެވިފައި،" އެޗްޑީސީގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވިއެވެ.

މީގެކުރިން އެޗްޑީސީ އިން ބުނީ ހުޅުމާލޭ އިރުމަތީ ފަރާތުގައި އޮންނަ ބީޗާއި ހޭޅިފަށަކީ އާންމު ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނޭ ކަމަށެވެ.

ހުޅުމާލޭގެ އާންމު ސަރަހައްދުތައް ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލަން އެޗްޑީސީ އިން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ހުޅުމާލޭ އިރުމަތީ ފަރާތުގައި މޫދަށް އެރޭ ފަރާތްތަކުން ބޭނުންކުރަނެ ފާހާނާތައއް ހެދުމާއި ފެން މާގަނޑުތައް ހަރުކުރުމުގެ މަސައްކަތް ކުރަން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ.