ރާއްޖޭގެ ރަށްތައް ޕްރޮމޯޓު ކުރުމުގައި އާ ވިސްނުންތައް ގެންގުޅެންޖެހޭ ކަމަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

އައިލެންޑްސް.އެމްވީގެ ނަމުގައި އެންސީއައިޓީ އިން ޑިވެލޮޕްކޮށްފައިވާ ވެބް ޕޯޓަލް އިފްތިތާހު ކުރުމަށް ރޭ ހުޅުމާލެ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީ އެރަށަކަށް ހާއްސަވާ ކަންތައްތަކާ އެކު ޕްރޮމޯޓްކުރެވޭ ރަށަކަށް ވާންޖެހޭ ކަމަށެވެ.

"ރަށުގެ މާކެޓިން ސްލޯގަންތައް ތައްޔާރުކުރެވެން ޖެހޭ.
އަދި އެ ރަށެއްގެ މެސްކޮޓް ކަނޑައަޅަން ޖެހޭ. އައިލެންޑްސް އެމްވީގެސަބަބުން މިކަންކަމަށް މަގުފަހިވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިލެންޑްސް.އެމްވީ އަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ރަށްތަކަށް ދޫކޮށްލެވޭ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ރަށަށް ލިބިފައި ހުރި ހާއްސަ ސިފަތަކާއި ވަސީލަތްތައް، ސަގާފަތް އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ވިޔަފާރީގެ ކާމިޔާބު މޮޑެލްއެއްކަން ރާއްޖޭގެ ރަށްރަށުން ސާބިތުކޮށްދީފައިވާ ކަމަށާއި އައިލެންޑްސް.އެމްވީއާ އެކު ގެސްޓްހައުސްތަކުގެ ބުކިންތައް ސީދާ ގެސްޓްހައުސްތަކަށް ލިބުމަކީ އުއްމީދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޓަކައި ސަރުކާރުގެ ޒިންމާތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށް ޕްރޮމޯޓްކުރުމާއި، ރައްޔިތުންނާއި ފަތުރުވެރިންނަށް ބޭނުންވާ އިންފްރަސްޓްރަކްޗާ ގާއިމްކޮށް އެތެރޭގެ ފަތުރުވެރިކަން ކުރިއެރުވުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

އައިލެންޑްސް.އެމްވީ ޕޯޓަލް އަކީ ހަމައެކަނި ޓޫރިސްޓުންނަށް އަމާޒުކުރެވޭ ވެބްސައިޓަކަށް ނޫން ކަމަށާއި ޕޯޓަލްގައި ހިމެނޭ އަދި ހިމަނާ ކޮންމެ މައުލޫމާތަކީ އެރަށެއްގެ ތާރީހް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕޯޓަލްގައި ރައްކާކުރެވޭ ކޮންމެ މައުލޫމާތަކީ، އެ ރަށެއްގެ ތާރީހާއި ސަގާފަތާއި ކުޅިވަރުތަކާއި ފްލޯކު ވާހަކަތަކާއި ރަށަށް ލިބިފައިވާ އުމްރާނީ ތަރައްގީ އާއި ރަށުގެ ގުދްރަތީ ވެށީގެ ހަދާންތައް ލިޔެވި އަދި މަންޒަރުތަކެއްގެ ގޮތުގަ އެތަކެއް ޖީލުތަކަށް ފޯރުކޮށްދެވޭނެ އަގުހުރި، މައުލޫމާތުގެ އަރުޝީފެއް،"

މަލީހު ވިދާޅުވީ ޕޯޓަލްއަށް މައުލޫމާތު އެޅުމަށް ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ކުރުމުގެ މަސައްކަތް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީ އިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.