ވޮޝިންޓަން (އޮކްޓޯބަރ 16) : މިއަހަރު ނިމުމަށްފަހު ޢިރާޤުގައި އިތުރަށް ފައިހަރުކުރުމަށް އެމެރިކާ ވިސްނަމުން ގެންދިޔަ ވިސްނުން ދޫކޮށްލައިފިއެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ 2007 ވަނަ އަހަރު ޢިރާޤާއި އެމެރިކާ ސޮއިކޮށްފައިވާ އަމްނާބެހޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަހަރުގެ ޑިސެމްބަރު މަސް ނިމޭއިރު އެމެރިކާގެ ހުރިހާ ސިފައިންނާއި ހަތިޔާރު އިރާޤުން ބާލާނެ ކަމަށާއި އެއަށްފަހު އިރާޤުގައި ތިބޭނީ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ އެންމެ 160 ސިފައިން ކަމުގައެވެ.

ޢިރާޤު ސިފައިން ތަމްރީން ކުރުމަށްޓަކައި ހައެއްކަ ހާސް ސިފައިން ޢިރާޤުގައި ބޭތިއްބުމަށް ކުރިން އެމެރިކާ ވިސްނަމުންދިޔަ ވިސްނުން ދޫކޮށްލީ މިގޮތަށް ބައިތިއްބާ އެމެރިކާ ސިފައިން ހިންގާ ޢަމަލުތަކަށް އެމީހުންގެ މައްޗަށް ޝަރީޢަތް ނުހިންގޭފަދަ ޤާނޫނީ ޙިމާޔަތެއް ދިނުމަށް ޢިރާޤުން ދެކޮޅު ހެދުމުން ކަމަށް ނަންހާމަކުރުމަށް ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އެމެރިކާ ސިފައިން ފޭބުމަށްފަހު ޢިރާޤުގެ ސިފައިންނަށް ތަމްރީން ދިނުމާބެހޭ ގޮތުން އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވީ އެކަންކުރިޔަށްދާނީ އިރާޤު ބޭނުންވާ ޙާލަތްތަކުގައި އެކަން އެމެރިކާއަށް ހުށަހެޅުމުން އެމެރިކާގެ ޢަސްކަރީ ވަގުތީ މިޝަންތައް ޢިރާޤަށް ފޮނުވައިގެން ކަމުގައެެވެ. މިގޮތަށް ފޮނުވާ މިޝަންތައް ޢިރާޤުގައި ތިބޭނީ ވަކިއެއްބަސްވުމެއްގެ ދަށުން ކުރު މުއްދަތު ތަކަކަށް ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ޢިރާޤުގެ ސިޔާސީ ހުރިހާފަރާތްތަކަކުންވަނީ ޢިރާޤުން އެމެރިކާ ފައިބަންޖެހޭ މުއްދަތަށްފަހު ޢިރާޤު ސިފައިން ތަމްރީން ކުރުމަށްޓަކައި އެމެރިކާ ސިފައިންގެ މަދުބަޔަކުވެސް ޢިރާޤުގައި ބޭތިއްބުމަށް ދެކޮޅު ހަދާފައެެވެ. އަދި ޢިރާޤުގެ އެތަށް ލައްކަބަޔަކު މަރައި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ޢިރާޤު ރައްޔިތުންނަށްދި މުޅި އިރާޤު ހަލާކުކޮށްލުމުގެ ޒިންމާ އުފުލަންޖެހޭ ޤައުމަކީ އެމެރިކާ ކަމަށްވާތީ އެމެރިކާ ސިފައިންނާމެދު ޢިރާޤު ރައްޔިތުންބަލަނީ ނުރުހުމާއި ނަފްރަތުގެ ލޮލަކުންނެވެ.

މިޖަރީމާ ތަކާ ގުޅިގެން އޭގެ ބަދަލު ހޯދުމަށާއި އެމެރިކާގެ މަސްއޫލުވެރިންނަށް ހައްޤު އަދަބު ދިނުމަށްއެދި އެމެރިކާއާ ދެކޮޅަށް މުސްތަޤްބަލްގައި ޢިރާޤުގެ ރައްޔިތުން ދައްވާ ކުރާނެ ކަމަށްވެސް ތަޖްރިބާކާރުންނާއި މުޙައްލިލުން ލަފާކުރައްވައެވެ. -- އެސޯސިއޭޓެޑް ޕްރެސް