ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ފައްކާވަމުންދާއިރު އެ ރަށްރަށުގެ މާލީ ފުދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލްތަކުން ބޭނުންކުރަން ހާއްސަ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" އިފްތިތާހު ކުރުމަށް ރޭ ހުޅުމާލެ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޖަޒީރާ ވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީކުރަން މަސައްކަތްކުރާއިރު، ރަށްރަށުގެ ފުދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.

"ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުމަކީ އަޅުގަނޑުމެންގެ އެއް ސިޔާސަތު، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނައިރު، އެކަން ޕްރޮމޯޓު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުން ކައުންސިލުތަކާ ހަވާލުކޮށް ބާރުތައް ދޫކޮށްލުން ކަމަށާއި ރަށުގައި ހިންގާ ވިޔަފާރިތަކާ އެހެން ވަސީލަތްތައް ދިނުމުގެ ބާރާއި ފުރުސަތު ކައުންސިލްތަކަށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އައިލެންޑްސް.އެމްވީ ޕޯޓަލް މެދުވެރިކޮށް ރަށާ ބެހޭ މައުލޫމާތު ޕްރޮމޯޓުކޮށް ހިއްސާ ކުރުމުގެ ބާރު މި ދޫކޮށްލަނީ ކައުންސިލްތަކަށް،" ރައީސް ވިދާޅުވީ ރަށާ ބެހޭ މައުލޫމާތުތައް ހޯދާ ދުނިޔެއަށާއި ރާއްޖެއަށް ފެތުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށެވެ.

އައިލެންޑްސް.އެމްވީއަކީ ހަމައެކަނި ރާއްޖެއަންނަ ޓޫރިސްޓުންނަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް އޮތް ޕޯޓަލް އެއް ނޫން ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭ މައުލޫމާތަކީ ރާއްޖޭގެ ރައްޔިތުންނަށްވެސް ބޭނުންވާނެ މައުލޫމާތު ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އައިލެންޑްސް.އެމްވީ މެދުވެރިކޮށް ރަށަށް ދެވޭނެ ގޮތާއި ދަތުރުފަތުރުގެ ތާވަލް އަދި ރަށުގައި ހުރި މުހިއްމު ކަންތައްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އައިލެންޑްސް.އެމްވީ އަކީ ކޮމިޔުނިކޭޝަންސް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އިން ޑިވެލޮޕްކުރި ޕޯޓަލްއެކެވެ.