ގާހިރާ (މާޗް 26) : އިސްރާއީލުން ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތައް ހުއްޓުވުމަށް މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކުން ރޭގެ ދަން ގަނޑިއެއްގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައެވެ. މި އެއްބަސްވުމަށްފަހު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ ރަށްތަކާއި ސިޓީތަކަށް ރޮކެޓް ޙަމަލާތައް ދިނުން ހުއްޓާލާފައެވެ.

އަދި އިސްރާއީލުވެސް ވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. ނަމަވެސް ރޭ ފަތިހުގެ ވަގުތެއްގައިވެސް އިސްރާއީލުގެ ފައިޓާޖެޓްތަކުން ޣައްޒާގެ ތިން ތަނަކަށް ވައިގެ ޙަމަލާތައް ދީފައިވާކަމަށް ޙަމާސް ޖަމާއަތުން ބުނެއެވެ. އިސްރާއީލު ބުނާގޮތުން ޣައްޒާއަށް ރޭ ވަރުގަދައަށް ހަމަލާދޭން ފެށީ ޣައްޒާއިން ފޮނުވާލި ދެ ރޮކެޓް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ދެކުނު ފަޅިއަށް އަރައި އިސްރާއީލުގެ ނުވަމީހުން ޒަޚަމްވި ޙަމަލާއަށްފަހުގައެވެ.

ނަމަވެސް އެ ރޮކެޓް ހަމަލާ އާ ގުޅުންނެތް ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ޙަމަލާ އިސްރާއީލަށް ދިނީ ހަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމަންޑަށް ތަބާނުވާ އެދެ ޖަމާއަތުގެ ހަނގުރާމަވެރިން އަމިއްލައަށް ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާއިން ފޮނުވާލިކަމަށް ބުނާ ރޮކެޓް ޓެލްއަވީވް އަށް އެރީ އިސްރާއީލުގެ ވައިގެ ދިފާއުގެ ބަލިކަށިކަމުގެ ސަބަބުންނާއި އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކަށް ހުރަސްއެޅުމުގެ ގާބިލްކަން އިސްރާއީލުން ބިނާކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމުގައި ނެތުމުން ކަމަށްބުނެ އިސްރާއީލުގެ އެތެރޭން ވަނީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އަށް ފާޑުކިޔަން ފަށާފައެވެ. އިސްރާއީލުން ޣައްޒާއަށް ރޭ ދޭން ފެށި އުދުވާނީ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ހަމާސްގެ ސިޔާސި އޮފީހުގެ ވެރިޔާ އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާގެ އޮފީހާއި ޣައްޒާގެ އެތަށް އިމާރާތްތަކެއް ހިމެނެއެވެ.

އެ ޙަމަލާތަކުގައި ފަލަސްތީނުގެ ވިއްސަކަށް މީހުން ޒަޚަމްވެފައިވީނަމަވެސް މީހަކު ޝަހީދުވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އިސްރާއީލުގެ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތަންމިތަނުގައި ވަނީ އަލިފާންރޯވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. (އަލްޖަޒީރާ)