އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަަމަވެފައިވާ ވެކްސިން ޖެހި ހާދިސާއެއް މިދިޔަ އަހަރު ތެރޭ ހިނގި ކަމަށާއި އެ ހާދިސާއާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުން ޖެހި ކަމަށް ބުނެ ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ، އެ ހާދިސާ ހިނގާފައިވަނި، މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ކަމަށެވެ.

އަދި އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ މައްސަލަ ބެލުމަށްފަހު، "ކަމާގުޅުންހުރި ފަރާތްތަކާއި ވާހަކަ ދެކެވި، މި ކަމުގައި އަޅަން ޖެހޭ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ،" ކަމަށް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެއީ ހިނގި ހާދިސާއެއް ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ އިރު، އެ މައްސަލައާ ގުޅިގެން އެޅި ފިޔަވަޅުތަކާއި އެ ވެކްސިން ޖެހުމުގެ ސަބަބުން ކުދިންނަށް ގެއްލުން ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އެ ބާޔާނުގައި ބުނެފައި ނުވެއެވެ. އަދި މުއްދަތު ހަމަވެފައިވާ ވެކްސިން ޖަހާފައިވަނީ ކިތައް ކުދިންނަށްކަމެއް ވެސް އެ ހޮސްޕިޓަލުން ނުބުނެއެވެ.