ލަންޑަން (މާޗް 25): އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭ ގޮތުން އެ އިއްތިޙާދާއެކު ވެފައިވާ އެއްބަސްވުމަށް ރުހުން ލިބޭތޯ ތިންވަނަ ފަހަރަށް ހައުސް އޮފް ކޮމަންސަށް ހުށަހަޅަން ބޮޑުވަޒީރު ތެރޭސާ މޭ ގެ ސަރުކާރުން ގަސްދު ކުރާކަން އިނގިރޭސި މިޑީޔާއިން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޓީވީ ޗެނެލް އެއް ކަމަށްވާ އައިޓީވީން ބުނީ ބްރެކްސިޓް އާބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދާއެކު ވެފައިވާ އެއްބަސްވުމަށް ރުހުން ލިބޭތޯ ތެރޭސާ މޭ ގެ ސަރުކާރުން ތިންވަނަ ފަހަރަށް ހައުސް އޮފް ކޮމަންސަށް ހުށަހަޅަން ގަސްދުކުރަނީ އެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނަސްފައި ކަމުގައެވެ. އިނގިރޭސި ސަރުކާރުގެ ނަންހާމަކުރަން މަސްއޫލުވެރިއަކާ ހަވާލާދީ އައިޓީވީ ބުނީ އިތުރު އިސްލާޙް ތަކާއެކު ތިންވަނަ ފަހަރަށް ބްރެކްސިޓްގެ އެއްބަސްވުން ހައުސް އޮފް ކޮމަންސަށް ހުށަހަޅައިފިނަމަ އެ އެއްބަސްވުމަށް ހައުސްގެ ރުހުން ލިބިދާނެކަމުގެ އުންމީދު އެބައޮތްކަމުގައެވެ.

ބްރެކްސިޓްގެ އެއްބަސްވުމަށް އިތުރު އިސްލާޙްތައް ގެނެވޭތޯ ވަރަށް އަވަހަށް ތެރޭސާ މޭގެ ސަރުކާރުން ޔޫރަޕްގެ އިއްތިޙާދާ ވާހަކަ ދައްކާނެ ކަމަށްވެސް އައިޓީވީ ބުނެއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭ ގޮތުން އެ އިއްތިޙާދާއެކު ތެރޭސާ މޭ ގެ ސަރުކާރުން އެކުލަވާލި އެއްބަސްވުން ތަސްދީގުކުރުމަށް ހައުސް އޮފް ކޮމަންސުން ވަނީ ދެފަހަރެއްގެ މަތިން ދެކޮޅު ހަދާފައެވެ. ނަމަވެސް ދެވަނަ ފަހަރު ދެކޮޅުހެދި މެންބަރުންގެ އަދަދު ފުރަތަމަ ފަހަރު ދެކޮޅުހެދި މެންބަރުންގެ އަދަދަށްވުރެ ވަރަށް ބޮޑުތަން މަދުކަންވަނީ ފާހަގަ ކުރެވިފައެވެ.

އަނެއްކޮޅުން އިނގިރޭސި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ ބްރެކްސިޓް ގެ މައްސަލާގައި އިނގިރޭސި ރައްޔިތުން ދެކޭގޮތް އަލުން ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް އަލުން ނެގުމަށް ގޮވާލައި އާދީއްތަ ދުވަހު ލަންޑަންގައި މުޒާހަރާއެއް ކޮށްފައެވެ.

އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނީ ބްރެކްސިޓް ކަންތައް ބޮޑުވަޒީރު ތެރޭސާ މޭގެ ސަރުކާރަށް ރަނގަނޅަށް ނުގެންދެވުމުގެ ސަބަބުން އިނގިރޭސި ދައުލަތް މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާ މިހާލަތުގައި އެންމެ ރަނގަނޅު ގޮތަކީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭ ގޮތުން އިނގިރޭސި ރައްޔިތުން ދެކޭގޮތް އަލުން ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމުގައެވެ. (ރޮއިޓާސް)