19:00


ޑީއާރުޕީ އަކީ އެއްވެސް ތަޞައްވުރެއް، އަދި ހަރުދަނާ ކަމެއް ހުރި ޕާޓީއެއް ނޫން ކަމަށާއި ޑީއާރުޕީގެ ހަމައެކަނި އަމާޒަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކާ އިދިކޮޅު ހެދުން ކަމަށް މިހާރު ހީވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


ޒުހޭރު މިހެން ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ ދިފާއުކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.


ޒުހޭރު ވިދާޅުވެފައި ވަނީ މިއީ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ފަހަރަކު ބޭފުޅަކާ ދިމާކުރުމަށް ޑީއާރުޕީން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިފަހަރު މިކަންތައް ކާމިޔާބުވެއްޖެނަމަ ދެން ދިމާކުރާނީ އެހެން ވަޒީރުންނާ ކަމަށާއި މިއީ ސަރުކާރާއި ޤައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް ޑީއާރުޕީން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ޕްރެސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ. އަދި ވާދަވެރި ޑީއާރުޕީން ސަރުކާރާއި، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމަށް ވެސް ޒުހެއިރު ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި ޑީއާރުޕީގައި ވިސްނުންތެރި އަދި ޒިންމާދާރު ބައެއް ބޭފުޅުން ތިއްބެވިކަމުގައި ވިޔަސް، އެ ޕާޓީގެ މިހާރުގެ ލީޑަޝިޕުން ވަނީ އެ ބޭފުޅުން ބާކީކުރައްވާފައި ކަމަށާއި ޕާޓީގައި މިހާރު އެންމެ ނުފޫޒު ގަދަކޮށް މަސައްކަތް ކުރައްވަނީ ޕާޓީގައި ތިއްބެވި ހަރުކަށި ބޭފުޅުން ކަމަށްވެސް ޒުހެއިރު ވަނީ ވިދާޅުވެފަ އެވެ.


ނަމަވެސް ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވެއްދީ ވާދަވެރި ޑީއާރުޕީން ނޫން ކަމަށެވެ.


ޒުހޭރުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ދިވެހި އަދި އިސްލާމް އިޚްތިޔާރީ ދެ މާއްދާގެ ގޮތުގައި ހަމަޖެއްސުމުގެ މައްސަލައާ މެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަދި ވަކި ގޮތަކަށް ނިންމަވާފައިނުވާ ކަމަށާއި އެ މައްސަލަ އަކީ އާންމު ބަޙުސަކަށް ހުޅުވާލެވިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި އިސްލާމް ދީނަށް ދެވިފައިވާ ޤަދަރު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްގެ ކަމުގައި ޑީއާރުޕީން ބުނާ ބުނުމަށް ޕްރެސް ސެކްރެޓަރީ ވަނީ ދެކޮޅުހައްދަވާފަ އެވެ. އަދި މި ސަރުކާރުން އަބަދުވެސް އިސްލާމްދީން ޙިމާޔަތްކޮށް ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށާއި ވާދަވެރި ޑީއާރުޕީން ދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއް ނެތް ކަމަށްވެސް އެ ބަޔާނުގައި ޕްރެސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ.


އަނެއްކާ ވެސް ވާދަވެރި ފަރާތްތަކުން އެ މަސައްކަތް ކުރަނީ އިސްލާމް ދީނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް ކަމަށާއި ޑީއާރުޕީން އަނެއްކާވެސް މި ދައްކައިދިނީ ސަރުކާރަށް ގެއްލުންދިނުމަށް އެ ޕާޓީން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށް ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ޑީއާރުޕީން އަދި ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.