16 Oct 2011, 02:15
އަހަރެމެންގެ ދިވެހި ބަހުގައި މުއްސަނދި ކަމެއް ނެތޭ – ފަގީރޭ ކިޔައިގެން ދެކެވޭ ވާހަކަ ތައް މި ފަހަކަށް އައިސް އަންނަނީ ގިނަ ވަމުންނެވެ. ބަސްބަސް ނެތިގެންނޭ ބުނެ ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހި ބަހުގެ ތެރޭގައި ބޭނުން ކުރެވެމުން އަންނަލެއް ވެސް އެހާ ގިނައެވެ.
މިފަދަ ގޮތަކަށް ބޭނުން ކުރެވޭ އެއް ބޭރު ލަފުޒަކީ އާންމު ގޮތެއްގައި ފޯނުން ވާހަކަ ދައްކާއިރު ގެންގުޅޭ އިނގިރޭސި ލަފުޒެކެވެ. ވަގުތު ދަތިކަން، ނުވަތަ މަސައްކަތް ބޮޑުކަން، ނޫންނަމަ ކޮންމެވެސް މަސައްކަތެއް ގައި އުޅެނީކަން އަންގައިދޭން ބުނެއުޅޭ ބަހެވެ. " ބިޒީ " އެވެ. މިބަސް މިގޮތަށް ބޭނުން ކުރަމުން އައިސް މިހާރު އިނގިރޭސި ބަސް އެއްގޮތަކަށް ނުދަންނަ މީހާވެސް އެބަސް ނުވަތަ އެލަފުޒުގެ ބޭނުން އެބަ ކުރެއެވެ. ކުރިން މިބުނި މާނައިގައެވެ.
ކޮންމެއަކަސް އެބަސް ބޭނުން އެކުރަނީ ދިވެހިބަހުގައި އެމާނަ ދޭހަވާގޮތަށް ކުރުކުރުކޮށް އެވާހަކަ ބުނެލާނެ ގޮތެއް ނެތީމައޭ ބުނާ ބަޔަކު ގަދައަޅާ ބުނޭ ވެސް މެއެވެ. އެކަމަކު ހަގީގަތަކީ އެއީއެށް ނޫނެވެ. ހަމަ އެހާކުރުކުރު ކޮށް އެވާހަކަ އެއްވެސް ތަފާތެއް ނެތި ބުނެލެވެން އެބައޮތެވެ. އެކަމަށް ބޭނުން ކުރާނެ ބަސް ނުވަތަ ލަފުޒު ވަކި ހުތުރެއް ނޫނެވެ. އަޑު އަހާލާކަށްވެސް އުނދަގުލެއް ނޫނެވެ. ކޮން ލަފުޒެއް ކަމަށް ހެއްޔެވެ؟ އެއީ " ވަދި " އެވެ. ބިޒީތަ؟ އަހާލާ ގޮތަށް " ވަދިތަ؟ " އަހާލެވެން އެބަ އޮތެވެ. ބިޒީ އެއް ނޫނޭ ބުނާ ބުނުމަށް، ވައްޖެއް ނޫނޭ ނުވަތަ ވަދި އެއް ނޫނޭ އަދި ނޫންނަމަ އަވަދި އޭވެސް ބުނެވޭނެއެވެ.
" ވަދި " އެއީ ކޮންތާކު އޮތް ލަފުޒެއްހޭ އަހައިފިނަމަ ދޭނެ ޖަވާބު ދޭން މިޖެހެނީ ތަންކޮޅެއް ތަފުސީލު ކޮށެވެ. އެއީ އިތުރު ރައްދެއް ދޭނެ ޖާގަ ނުބާއްވާން ކަމަށެވެ. ހަދައިގެން ނުވަތަ އެހެން ބޭރު ބަހަކުން ކިޔާ ކިޔުމެއް ނޫންކަން އެނގޭ ވަރަށެވެ. މަސައް ކަތް ކުރާނަމެވެ.
ވަދި މިލަފުޒުގެ މާނައަކީ ވަގުތު ނެތުމެވެ. މިމާނަ ސާބިތު ކުރެވެއެވެ. އެއީ އަހަރެމެން އެންމެން ހެން ކިއަމުން އަންނަ އަދި ދަންނަ، އަވަދި ނެތުމުން ނެވެ. އަވަދި ނެތުމަކީ ވަގުތުތައް ފުރިބާރު ވެ އެހެން ކަމަކަށް ޖާގަ ނެތުމަށް ކިއާ ގޮތެވެ. އެއާއި އެކު ވަދި އެބަހުގެ މާނަ ކުރިން ބުނިހެން ޔަގީން އެބަ ކުރެވެއެވެ. އެއީ" އަ" މިބަހަކީ ކަމެއް އޮތް ގޮތް ނޫން އަނެއް ގޮތް ދޭހަ ކޮށްދޭން ބޭނުން ކޮށްފައި އޮންނަ އެއްޗަކަށް ވާކަމެވެ. ބާއްޖަވެރި ކަމުގެ އިދިކޮޅަކީ އަބާއްޖަ ވެރިކަމެވެ.
ވީމާ :
• ވަދި އެއީ ވަގުތު ނެތުމެވެ.
• އަވަދި އެއީ ވަގުތު ނެތުން ނެތުމެވެ. ނުވަތަ ވަގުތު އޮތުމެވެ.
• އަވަދި ނެތުން އެއީ ވަގުތު ނެތުން ނެތްކަން، ނެތުމެވެ. ނުވަތަ ވަގުތު ނެތުމެވެ.
ދެން އޮންނަނީ އާންމުކޮށް އެންމެން ހެން ދަންނާނެ އަނެއް ބަހެވެ. އަވަދި ވުމެވެ. ކަމެއް ކުރަމުން ދާއިރު ވަދި ވެފައި ކަމެއް ނިމުނީމާ އަވަދި ވުމެވެ. މިގޮތުން ވާހަކަ ދައްކާ އިރު " މިދުވަސްކޮޅު މިއުޅެނީ ހަމަ މަސައްކަތް ބުރަކަމުން ގައިފެން ޖަހާލާނެ އަވައްޖެއް ވެސް ނުވެގެންނޭ ބުނެ އެވެ. މާނައަކީ ހުސް ވަގުތެޢް ނުލިބިގެން ފެންވަރާވެސް ނުލެވި އުޅޭ ވާހަކަ ބަޔާން ކުރުމެވެ.
ދިވެހި ބަހުގެ ފެންނަން ހުރިމިނުގުތާތަކުގެ އަލީގައި ވަދި އެއީ ވަގުތު ނެތުން ކަމަށާއި ވައްޖެއްނޫން އެއީ ވަގުތު އެބައޮތޭ ބުނެވުން ކަން އެބަ ސާބިތު ކުރެވެއެވެ. ވީއިރު އަހަރެމެންގެ މި ފޮނި ، ރީތި ، އަސަރުގަދަ ބަހުން ބޭނުން ކުރެވެން އޮތް މި ލަފުޒު " ވަދި " އަތުކޮޅަށް ކުނި ކޮށްޓަށް ހޫރާނުލައި ނަގައި ދުލުކުރިޔަށް ލަމާ ހިނގާށެވެ. އެކަޑަމީ އުފެދިގެން ހަރަކާތްތެރިވާން ފަށާ މިދުވަސްކޮޅު އެގޮތަށް ބޭނުން ކުރެވޭ " އެ ކަޑަ " ލަފުޒުތައް ބޭރު ކުރަމާ އަންނާށެވެ.
ހަލޯ – ވަދިތަ ؟ އުނހު! ވައްޖެއްނޫން.
ނޫނޭ! އަވަދި.
އަވަދިވީމާ ވާ އަރާމު އަހަރެމެން އެއްމެންމެ އިހުސާސް ކޮށްލަމާ!