ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރީގެ ރައީސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހަދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ގާސިމް ކެމްޕެއިން ލޯންޗް ކުރުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނަޝީދު ދެކެވަޑައިގަންނަވާ ކަންކަން އެގޮތަކަށް ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރަަށް ހުންނަން އެންމެ ރަނގަޅީ ހުސްބުޅިއެއް ލީމަ ގަންނަ ކަހަލަ މީހުން ބާއޭ ހިތަށް އަރާ ކަމަށެވެ. އެކަމަކު އެކަން އޮތީ އެހެން ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ތިމާމެން އަމިއްލަޔަށް ބޭނުންވާ އެއްޗެއް ބަނޑުދަށު ލައިގެން ކަންތައްތައް ކުރާއިރު މިހުރިހާ ވާހަކައެއް މިދެކެވެނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންނަށް އެނގޭ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވިކަން އަޅުގަނޑުމެންނަށް ބޭނުންވާ 22 ގޮނޑި ދޭން." ކޯލިޝަނުން ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހައިގެން މަޖިލީހަށް ކުރިމަތިލާން ނުނިންމުމުން އެކަމާ ގުޅުވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮނޑިތައް ދޭން ބޭނުންވި ނަމަވެސް އެފުރުސަތު ނަގާލީ ކާކަން އެނގޭ ކަމަށެވެ. އަދި "އަޑިއަޑިން ނާގަހަރުފަ ވިހަލާހެން މިކަންކަން ދިޔަކަސް" ކަން ހިނގާ ގޮތް އެނގޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

" އަޅުގަނޑުމެން ރައީސް ނަޝީދަށް އެ ފެނިވަޑައިގަންނަވާ ހުވަފެން އެއީ ބިލާހަކަށް ހަދާނަން މާތް ﷲ އިރާދަކުރެއްވިޔާ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަކެއް އެމަނިކުފާނަކަށް އެގޮތަކަށް ހާސިލެއް ނުކުރެވޭ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާސިމަށް ބައެއް ފަރާތްތަކުން "ސޭޓު" އަދި "މަހުޖަނު" ކިޔާތީ އެވާހަކަ ގާސިމް ފާހަގަކުރެއްވި އެވެ. ވިދާޅުވީ "އޭތި މީތި ކިޔާ ބިލްބޯޑު ހިފައިގެން ނުކުތަސް" އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ސޯޝިއަލް މީޑިއާގައި ހައެއްކަ މީހުންނަށް ލާރިދީގެން ރެއާ ދުވާލު. ކޮންމެސް ބޭރު ގައުމަކުން ލާރިކޮޅެއް ހޯދައިގެން އައިސް ލާރިދީގެން ވައަތުން ކަނައަތަށް ކަނައަތުން ވައަތަށް ތަޅާ ބުރުވަަމުން ގެންދާއިރުވެސް ވާކަމެއް ހަމަ ހަރާން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

މިރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ގާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި މިރޭ ލޯންޗުކޮށްފައިވަނީ "ދިވެހި ބިން މީ އުފަން މަގޭ ބިން" އެ ލަވަ އެވެ. އެ ލަވައަކީ މަރުހޫމު ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވާފައިވާ ލަވަ އެކެވެ. "ދިވެހިންގެ ބިން ދިވެހިންނަށް" އެއީ ގާސިމްގެ ކެމްޕެއިން ސްލޯގަން އެވެ.