ޓްރިޕޮލީ (އޮކްޓޯބަރ 15) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ހަނގުރާމަވެރިންނަށް އެހީތެރިވުމުގައާއި ގައްޒާފީގެ ބާރުތަކާދެކޮޅަށް ނޭޓޯއިންދިން ޙަމަލާތަކުގައި ފަރަންސޭސިވިލާތުން އަދާކުރި ދައުރުގެ ސަބަބުން ލީބިޔާ ރައްޔިތުންގެ ތާއީދު ފަރަންސޭސިވިލާތަށް ލިބިފައިވާ ކަމަށް އެޤައުމުގެ ވިޔަފާރިއާބެހޭ ވަޒީރު ޕިޔޭރު ލުލުޗް ވިދާޅުވެއްޖެވެ.

ފަރަންސޭސި ބައެއް މަސްއޫލުވެރިންނާއި ވިޔަފާރިވެރިންގެ ބޮޑު ވަފްދަކާއެކު ލީބިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލައްވަމުން ޓްރިޕޮލީގައި ދެއްވި ބަޔާނެއްގައި ފަރަންސޭސި ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ އޭނާއާއި އޭނާގެ ވަފްދުގެ ބޭނުމަކީ ފަރަންސޭސި ކުންފުނިތަކަށް ލީބިޔާއިން ވިޔަފާރީގެ ބޮޑެތި ބޮޑެތި ފުރްސަތުތަކެއް ހޯދުންކަމުގައެވެ.

ލީބިޔާގެ މިހާރުގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަރަންސޭސިވިލާތުގެ ކުންފުނިތަކަށް ލީބިޔާއިން ބޮޑެތި ފުރްސަތުތަކެއް ހޯދުމަށް ލުލްގެ ދަތުރުފުޅުގައި މަސައްކަތްކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ލުލް ވިދާޅުވީ ލީބިޔާއަކީ ވިޔަފާރީގެ ފުރްސަތު ވަރަށްބޮޑު އަދި ޤުދްރަތީ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ޤައުމެއް ކަމަށާއި ޒަމާނީ އިންފްރާސްޓްރަކްޗަރެއް ބިނާކުރުމަށްޓަކައި ފަރަންސޭސި ކުންފުނިތަކުގެ ބޭނުން ލީބިޔާއަށް ބޮޑުކަން ލީބިޔާގެ މަސްއޫލުވެރިން ހާމަކުރެއްވި ކަމުގައެވެ.

ފަރަންސޭސި ވިޔަފާރިއާބެހޭ ވަޒީރު ޕިޔޭރު ލުލުޗް ގެ ދަތުރުފުޅުގައި ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ތަންފީޒީ ކޮމިޓީގެ އިދާރާތަކާއެކުވަނީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. (އަލްޖަޒީރާ)