"ދިވެހިންގެ ބިން ދިވެހިންނަށް" ސްލޯގަންއަކަށް ހައްދަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މާމިގލީ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވުމަށް ކެމްޕެއިން ލޯންޗް ކޮށްފި އެވެ.

މިރޭ މާމިގިލީ ދާއިރާގައި ކުރިއަށްދާ ގާސިމްގެ ކެމްޕެއިން ޖަލްސާގައި ސްލޯގަން އިއުލާނު ކޮށްދެއްވީވެސް ގާސިމް އެވެ.

"އަޅުގަނޑާއި ޖުމްހޫރީ ޕާޓީން ޓިކެޓް ދީފައިވާ ހުރިހާ ބޭފުޅުންނާއި. އަޅުގަނޑުމެން ތާއީދުކޮށްފައިވާ ހުރިހާ ބޭފުޅުންނާއި. އަޅުގަނޑުމެން އެންޑޯސްކޮށްދީފައިވާ ހުރިހާ ބޭފުޅުން އަޅުގަނޑު އެދެން މި ސްލޯގަން ބޭނުން ކުރައްވައިގެން މި މަގުސަދުތައް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް. އާދެ އެއީ ދިވެހިންގެ ބިން ދިވެހިންނަށް." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ސްލޯގަންގެ ދަށުން މަސައްކަތް ފަށަނީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ދީން އަދި އެހެން ހުރިހާ ކަމެއްގައިވެސް އިންސާފުވެރި ހައްލަކަށް ދިއުމަށްޓަކައި ފަށާ ދަތުރުގެ ފެށުން ހާމަކޮށް ދިނުމަށް ކަމަށެވެ.

އަދި މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް އެ ފެށި ދަތުރުގައި ކާމިޔާބީއާ ހަމައަށް ދެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި މިރޭ ލޯންޗުކޮށްފައިވަނީ "ދިވެހި ބިން މީ އުފަން މަގޭ ބިން" އެ ލަވަ އެވެ. އެ ލަވައަކީ މަރުހޫމު ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވާފައިވާ ލަވަ އެކެވެ.

މިރޭ މާމިގިލީގައި ކުރިއަށްދާ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.