މާލޭ ރިންގްރޯޑުގައި ގަސް އިންދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި އެންވާރަމެންޓް މިނިސްޓްރީ ގުޅިގެން މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މާލޭ ރިންގް ރޯޑު ހަދައި ތާރުއެޅި އިރު އެ މަގުގައި ހުރި ގަސްތައް ވަނީ ކަނޑާފަ އެވެ. އަދި ފަހުން އެ މަގުގައި ގަސް އިންދާނެ ކަމަށް ބުނި ނަމަވެސް ވެރިކަން ނިމުނުއިރު އެކަން ކޮށްފައެއް ނުވެއެވެ.

އެންވާރަމެންޓް މިނިސްޓްރީއާ މާލޭ ސިޓީ ކައުންސިލު ގުޅިގެން މިއަދު ގަސް އިންދާފައި ވަނީ ރިންގް ރޯޑު ތައިސޭ ކޮއްޓާ ދިމާލު ސަރަހައްދުގަ އެވެ. އެ ގަސްތަކަކީ ނާސަރީގައި ރޯކޮށްގެން މަގުމަތީގައި އިންދަން ނެރުނު ގަސްތަކެކެވެ. މިއަދު އިންދާފައި ވަނީ 33 ގަސް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދު މިރޭ "ސަން" އަށް ވިދާޅުވީ މުޅި މާލޭގައި ގަސް އިންދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ގަސް އިންދާނީ މާލެ ވަށައިގެން ކަމަށާއި އެއަށްފަހު މާލޭގެ އެހެނިހެން މަގުތަކުގައި ވެސް ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

"މިއަދު ފެށި މަސައްކަތުގެ ދަށުން މުޅި މާލޭގައި 1500 ގަސް އިންދުމަށް ވަނީ ހަމަޖެހިފައި. އިންދާ ގަސްތަކުގެ ތެރޭގައި ބިޔަވެފަ ބޮޑަށް ހިޔާވާ ގަސްތައް ހިމެނޭނެ،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މާލޭ ސިޓީގައި އިންދުމަށް 2،700 ގަސް އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނުމަގުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސް ކަމަށް އެންވާރަމެންޓް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާޕޫލް ފަދަ މާ ގަސްތައް ހިމެނޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

މާލޭގެ މަގުގައި މިހާރުވެސް އާންމުކޮށް މަގުމަތީގައި ހުންނަ ހިތިގަހާއި ބޮޑު ޖަވާހިރު ފަދަ ގަސްތައް އިންދާނެ ކަމަށްވެސް އެންވާރަމެންޓުން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނުމަގު ތާރު އަޅައިގެން ތަރައްގީ ކުރުމަށްޓަކައި ކުރިން އެމަގުގައި ހުރި ގަސްތައް ނަގާފައިވާއިރު އޭރުގެ ސަރުކާރުން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގައި 450 ގަސް އިންދާނެ ކަމަށެވެ. ގަވާއިދާ ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހުރި ގަސްތައް ނެގުމުން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ ހައުސިން މިނިސްޓްރީ ޖޫރިމަނާވެސް ކޮށްފައެވެ. އޭރު ހައުސިންގެ މިނިސްޓްރީ ޖޫރިމަނާ ކުރީ 20،000 ރުފިޔާއިންނެވެ.

މުޅި ރާއްޖެ ފެހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ މުޅި ރާއްޖެ ފެހިކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ.