މިދުވަސްވަރަކީ ހޫނު ދުވަސްވަރެއް ކަމަށާއި އެންމެ ހޫނުވާ ދުވަސް ދުވަހު ފިނިހޫނުމިން ހުންނަނީ 33 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އާންމުކޮށް ރާއްޖޭގައި ފިނިހޫނުމިން ހުންނަނީ 29 ނުވަތަ 30 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް މިދުވަސްވަރަކީ ހޫނު ދުވަސްވަރެއް ކަމަށް ވުމުން ފިނިހޫނުމިން އާންމުކޮށް ހުންނަނީ 31 ނުވަތަ 32 ގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. މިއަދު ފިނިހޫނުމިން ހުރީ 32.6 ޑިގްރީ ސެލްސިއަސްގަ އެވެ.

މިހާރުވެސް އެންމެ ހޫނުވާ ދުވަސް ދުވަހު 33 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން އަރާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަކީ އެޕްރީލް މޭ ހިސާބު ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ހޫނުވި ދުވަސްވަރު

  • އޭޕްރީލް 2016 ހދ. ހަނިމާދޫ - 35 ޑިގްރީ ސެލްސިއަން
  • އޭޕްރީލް 1973 ހުޅުލެ - 34.1 ޑިގްރީ ސެލްސިއަސް
  • ސެޕްޓެމްބަރު 1991 ކައްދޫ - 36.8 ޑިގްރީ ސެލްސިއަސް
  • މޭ 1998 ގދ. ކާޑެއްދޫ - 34 ޑިގްރީ ސެލްސިއަސް
  • އެޕްރީލް 1998 ސ. ގަން - 33.6 ޑިގްރީ ސެލްސިއަސް

މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ހޫނުވި ދުވަސްތައް ކަމަށް މެޓް އޮފީހުގެ ރިކޯޑުން ފެންނަ ދުވަސްތަކެވެ.

ހޫނު ގަދަވާތީ ސަމާލުވޭ

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާހިލާފަށް ހޫނުގަދަވާނެ ދުވަސްވަރަކަށް ވާތީ، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޫނުން ރައްކާތެރިވުމަށް ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމުކުރުމުގެ ބަދަލުގައި ފިނިގަދަތަކުގައި ނުވަތަ އެތެރޭގައި އެފަދަ ކަންތައް އިންތިޒާމުކުރުން ރަނގަޅު ކަމަށެވެ.

އެންމެ އަވިގަދަ ވަގުތުތަކުގައި އަވީގައިއުޅޭ މިންވަރު މަދުކޮށް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ފެން ބުއިމަށާއި ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޭރަށް ނިކުންނަ އިރު އަތްވާއި ހޫނުން ރައްކާތެރިވުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ އަވިއައިނު އެޅުމަށާއި ކުލަމަޑު، ހަށިގަނޑު ނިވާވާނެ ހެދުން ލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

  • ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވެ، ބޯއަނބުރާ، އަތްފައި ފިނިވުން ފަދަ ކަންތައް ދިމާވާނެ

  • ލޮލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ލޮލުގެ މަތީފަށަލަ ފިހުން ލޯ ފުސްވުން ފަދަ ކަންތައް ދިމާވާނެ
  • ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހި ނެގުން

ވަރުދެރަވެ ބޯ އަނބުރާނަމަ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި، ފިނިތަނެއްގައި މަޑުކުރުމަށާއި ވަރުދެރަވެ ބޯ އަނބުރާ ނަމަ އަދި އަކުނިވަޔަށް ދަމާނަމަ ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.