15 Oct 2011, 16:34
ޔުއެފާ އިން އިންގްލެންޑް ފޯވާޑް ވޭން ރޫނީ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ. މިސަސްޕެންޝަނާއި ގުޅިގެން އަންނަ އަހަރު ޕޮލެންޑާއި ޔޫކްރޭނުގައި ބާއްވާ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ރޫނީ ހުންނަން ޖެހޭނީ ސަސްޕެންޝަނުގަ އެވެ. މިސަސްޕެންޝަނުގެ ސަބަބުން އަންނަ އަހަރުގެ ޔޫރޯގައި ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކޮށްފާނެކަމުގެ ބިރެއް ރޫނީ އަށް ނޯންނާނެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ.
ތިން މެޗަށް ރޫނީ ސަސްޕެންޑް ކުރީ ޔޫރޯ ކޮލިފައިންގައި މޮންޓެނީގްރޯ އަތުން2- 2 އިން އިނގިރޭސިން އެއްވަރުވި މެޗުގައި މޮންޓެނީގްރޯގެ މިއޮޑްރެގް ޒުޑޮވިޗް އަށް ބޯޅަ ނެތިސް ހަމަލާ ދިނުމާއި ގުޅިގެންނެވެ. އެމެޗަކީ ޔޫރޯ ކޮލިފައިންގައި އިނގިރޭސިން ކުޅޭ ފަހު މެޗަށްވުމާ އެކު، ރޫނީ އަށް ޔޫރޯގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަން ކުރިން އެނގިފައިވެ އެވެ.
އަންނަ އާދީއްތަ ދުވަހާއި ހަމައަށް ރޫނީގެ މިސަސްޕެންޝަން އިސްތިޢުނާފު ކުރުމުގެ ފުރުސަތު އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނަށް އޮތް އިރު، ދެ މެޗުގެ ސަސްޕެންޝަނަކަށް މަދުކުރެވޭތޯ އެއެސޯސިއޭޝަނުން މަސައްކަތް ކުރަމުންދެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، މިސަސްޕެންޝަން ރޫނީ އަށް އައި ނަމަވެސް ސްކޮޑުން ބާކީ ކުރާނެ ކަމުގެ ބިރެއް އޭނާ އަށް ނޯންނާނެ ކަމެވެ. އޭގެ ސަބަބެއް ކަމަށް މިރިޕޯޓުތަކުން ބުނަމުންދަނީ ރޫނީ ދައްކަމުން އަންނަ މޮޅު ކުޅުމާއި، މެޗުތަކަށް ފިޓްކޮށް ހުރުން ކަމަށެވެ.