އިނގިރޭސިވިލާތުގެ ލިވަޕޫލް އިން ފްރާންސްގެ ލިލޭ އާއި ލޯނުގެ ދަށުން މިސީޒަނުގައި ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޯ ކޯލް، ފްރާންސްގައި ހުރެ ގައުމީ ޓީމަށް އެނބުރި އައުމުގެ ޚިޔާލެއް ގެންގުޅެން ފަށައިފި އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ލިވަޕޫލް އަށް ބަދަލުވެ އިނގިރޭސި މިޑްފީލްޑަރު ކޯލް އަށް ވަނީ މާއެދެވޭ ކުޅުމެއް ނުދެއްކިފަ އެވެ. ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުގެ ސަބަބުން މިސީޒަނުގައި ކޯލުގެ މަންޒިލަކަށް ވެގެން ދިޔައީ ފްރާންސްގެ ލިލޭ އެވެ. ލިލޭ އާއި ކޯލް ގުޅިނީ އެއް ސީޒަނުގެ ލޯނުގެ ޓްރާންސްފާ އެއްގަ އެވެ.

ކޯލު ލިލޭ އަށް ކުޅެދިން ފުރަތަމަ މެޗުން ވެސް އެކުލަބުގެ ސަޕޯޓަރުންގެ ހިތް ދަމައިގެނެފައިވާ ކަން ފާހަގަ ކުރެވެ އެވެ. ކޯލުގެ ފުރަތަމަ މެޗުގައި އޭއެސް ސޭންޓް-އެޓީނޭ އާއި ވާދަކުރި މެޗުގައި ހަތަރު ޑިފެންޑަރުން ކައިރިން ކެޓުވުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިއަކަށް އެހީތެރިވެދީފައިވެ އެވެ. އެ މެޗުގައި ކޯލުގެ ފަރާތުން ގޯލެއް ނުފެނުނު ކަމުގައި ވިޔަސް މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. ކޯލު ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު އެފްސީ ލޮރިއެންޓް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފުރަތަމަ ގޯލު ލިލޭ އަށް ކާމިޔާބު ކޮށްދީފަ އެވެ.

"ކުރިން އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން މެޗުތައް އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުރި. ދިހަ އަހަރު މެދުނުކެނޑި ގައުމީ ޓީމަށް އަހަރެން ކުޅެފައި ވާނެ. ފްރާންސްގައި ހުރެ މޮޅު ކުޅުމެއް ކުޅެ ގައުމީ ޓީމަށް އަރަން އަދިވެސް ބޭނުންވޭ. އަހަރެންނަކީ އަދިވެސް މޮޅު ކުޅުންތެރިއެއް ކަން ސާބިތުކޮށްދޭން އަދިވެސް ބޭނުން." 'ގާޑިއަން' ނޫހަށް ދިން އިންޓަވިއުއެއްގައި ކޯލް ބުންޏެވެ.