24 Mar 2019, 12:07
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރިޔާސީ ކޮމިޝަންތަކެއް ހަދަން ޖެހުނީ މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތުމުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ށ. މިލަންދޫއަށް ވަޑައިގަތް އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ރިޔާސީ ކޮމިޝަންތަކެއް ހަދަން ޖެހުނީ އޭރު ހުރި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތުމުން ކަމަށާއި އެހެން ނަމަވެސް އެކަމަށް މަޖިލިސް ތެރެއިން އެއްބާރުލުން ނުލުބުނު ކަމަށެވެ.
"މިނިވަން މުއައްސަސާތައް އެބަހުރި. އޭސީސީ އެބައޮތް. އަދިވެސް އެހެން މުއައްސަސާތައް އެބަހުރި އެކަންތައްތައް ބެލެން. އެހެން ނަމަވެސް ކުރިން ވެސް ދެންނެވި ފަދައިން ރައްޔިތުންގެ އިތުބާރެއް އެތަންތަނަކަށް އޭރަކު ނެތް. ކަމެއް ކުރެވޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ. ވަކިފަރާތަކަށް ވަކިމީހަކަށް އަމާޒުކޮށްގެން ނޫނިއްޔާ ވަކި ބައެއްގެ ކަންތައްތައް ނޫނިއްޔާ އެތަނުން ބެލޭތަނެއް އޭރަކު ނުފެނޭ. އަޅުގަނޑު އެދުވަހު މަޖުބޫރުވި ރިޔާސީ ކޮމިޝަންތައް ހަދަން،" ރައީސް ވިދާޅުވި އެވެ.
އެ މުއައްސަސާތައް ރަނގަޅަށް ހިނގާނަމަ ރިޔާސީ ކޮމިޝަންތައް ހަދަން ނުޖެހުނީސް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދިނުމުން އިތުރު ފޯރިއަކާ އެކު އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ސަރުކާރުތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ ވާހަކައަކީ ދިވެހިންގެ ލޯ ކުރިމަތީގައި ހާމައަށް ފެނިފައިވާ ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ހަގީގަތް ހޯދުމަށް ފެށި ތަހުގީގްތައް ވަކި ހިސާބަކުން ހުއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުގެ ތާއީދައި އަޣްލަބިއްޔަތު އަޅުގަނޑު މި ބޭނުންވަނީ މި ކަންތައްތައް ކުރުމަށްޓަކައި. ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަންޖެހިފައިހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެއީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާ އެކު ނޫނިއްޔާ ނުކުރެވޭނެ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ލޯންޗްކޮށްފައިވާ 'އެޖެންޑާ19' އާ އެކު ނުކުމެގެން ތިބީ އެކަންތައްތައް ހާސިލް ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ އަޅުގަނޑުމެން ރާއްޖެއާ ދޭތެރޭ ކުރާ އުންމީދު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ގާނޫނީ ބާރުދޭ ގޮތަށް ހުށަހެޅި ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތާ ހިލާފަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށް އެ ބިލަށް ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ނިންމަވާފަ އެވެ.
މީގެ ކުރިން ތިން ފަހަރަކު އެޖެންޑާ ކުރި ނަމަވެސް އެ ފަހަރުތަކުގައި އެ ބިލަށް ވޯޓަށް އެހިފައި ނުވަނީ ގާނޫނީ އަދަދު ހަމަނުވެގެންނެވެ.