ދުނިޔޭގެ ޓޫރިޒަމް ދުވަސް 2013 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ]ޔޫއެން ޑަބްލިއު ޓީއޯ[ގެ ވެބްސައިޓްގައި އިއްޔެ ހާމަކޮށްފައިވާ ގޮތުގައި 2013 ވަނަ އަހަރު ޓޫރިޒަމް ދުވަސް ރާއްޖޭގައި ބޭއްވުމަށް ފާސްކުރީ މި މަހުގެ 10 އިން 13 އަށް ދެކުނު ކޮރެއާގެ ގިއޮންޖޫގައި ބޭއްވި އެ ޖަމިއްޔާގެ 19 ވަނަ ޖެނެރަލް އެސެމްބްލީގަ އެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ފާހަގަ ކުރާ ޓޫރިޒަމް ދުވަހުގެ މޮޓޯއަކީ "ފެނާއި ޓޫރިޒަމް އަހަރެމެންގެ މުސްތަގުބަލް ހިމާޔަތް ކުރުން" ]ވޯޓާ އެންޑް ޓޫރިޒަމް ޕްރޮޓެކްޓިންގް އަވަ ފިއުޗާ[ ކަމަށް ވެސް ޔޫއެން ޑަބްލިއުޓީއޯގެ ވެބްސައިޓްގައިވެ އެވެ.

ޔޫއެން ޑަބްލިއުޓީއޯގެ 19 ވަނަ ޖެނެރަލް އެސެމްބްލީގައި ނިންމާފައިވާ އިތުރު ބައެއް ކަންތައްތަކުގެ ތެރޭގައި އެ ޖަމާއަތް މިހާރަށް ވުރެ ހަރަކާތްތެރި ގާބިލް ޖަމާއަތަކަށް ހެދުމަށް ޓަކައި ހުށައަޅާފައިވާ ބައެއް އިސްލާހުތައް ގެނައުމަށް ފާސްކުރުމާއި އެ ޖަމާއަތުގެ މެމްބަރުކަން ލައިބީރީއާ އަށް ދިނުން ވެސް ހިމެނެ އެވެ. ލައިބީރީއާ އަށް ޔޫއެން ޑަބްލިއުޓީއޯގެ ދާއިމީ މެމްބަރުކަން ދިނުމުން އެ ޖަމާއަތުގެ މެމްބަރުންގެ އަދަދު ވަނީ 155 އަށް އަރައިފަ އެވެ.
އަދި އެ ޖަމާއަތާ އެފިލިއޭޓް ކުންފުނިތަކާއި ޖަމާއަތްތަކުގެ ގޮތުގައި 69 ކުންފުނި، ޖަމާއަތް ހަމަޖެއްސުމަށް ވެސް ޖެނެރަލް އެސެމްބްލީން ވަނީ ފާސްކޮށްފަ އެވެ.

ޔޫއެން ޑަބްލިއުޓީއޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަންކަން ދިނުމަށް އެކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށް ވެސް ޔޫއެންޑަބްލިއުޓީއޯގެ ވެބްސައިޓްގައިވެ އެވެ.

ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ މީހުންގެ އަދަދު 2030 ވަނަ އަހަރު 1.8 ބިލިޔަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.